ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލްވެސް މޮޅުވެއްޖެއެވެ.

ޔޫރޮޕާ ލީގުގެ ގްރޫޕް އޭގައި، އާސެނަލްއިން ރަށުން ބޭރުގައި ބޮޑޭ/ގްލިމްޓް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ނޯވޭގެ ބޮޑޭ/ގްލިމްޓް ކައިރިން ރޭ ހޯދި މޮޅާއެކު އާސެނަލް ވަނީ މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ، ނޮކްއައުޓް ބުރާ ގާތަށް ޖެހިލައިފައެވެ. އެ ގްރޫޕުގެ ދެވަނައިގައި އޮތީ ޕީއެސްޖީއެވެ. އެޓީމަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ބޮޑޭ/ ގްލިމްޓަށް ލިބިފައި ވަނީ ތިން މެޗުން ހަތަރު ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް އެފްސީ ޒިއުރިޗަށް ޕޮއިންޓެއް ނުލިބި އޮތް އިރު، ދެން އޮތް ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިޔަސް އާސެނަލްއަށް ނޮކްއައުޓް ޔަގީންވާނެއެވެ.

ރޭ އާސެނަލްއިން އާޓިފިޝަލް ދަނޑެއްގައި ކުޅުނު މެޗަށް ނުކުތީ ގެބްރިއަލް ޖީސަސްއާއި ގެބްރިއަލް މާޓިނޭލީގެ އިތުރުން ގްރެނިޓް ޖަކާއާއި ޑިފެންޑަރު ގެބްރިއަލް ބެންޗު ކޮށްގެންނެވެ. އޭގެ ތެރެއިން މެޗަށް ފަހު ހާފުގައި ނެރުނީވެސް ޖަކާއާއި ޑިފެންޑަރު ގެބްރިއަލްއެވެ.

ރަނގަޅަށް ޕާސް ޖަހައިގެން މެޗުގެ ފުރަތަމަ ހާފުގައިވެސް އާސެނަލް ކުޅުނު އިރު، 24 ވަނަ މިނެޓުގައި ބުކަޔޯ ސަކާ ވަނީ އެޓީމުގެ ލީޑު ނަގައިދީފައެވެ. ސަކާ ގޯލު ޖެހީ މެދުތެރެއިން ރޭގެ މެޗުގައި މޮޅަށް ކުޅުނު އަލްބާޓް ސާމްބީ ލޮކޯންގާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

އާސެނަލްގެ ފަރާތުން ޕްރިމިއާ ލީގުގައި ފެންނަ މޮޅު ޕާސިން ފުޓުބޯޅަ މި މެޗުގައި ނުފެނުނު ނަމަވެސް އެޓީމުން ވަނީ މެޗުގައި ނަތީޖާ ނެރުމަށް ރަނގަޅަށް ޑިފެންސް ކޮށްފައެވެ.

މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ރޭ އޮމާނިއާ ނިކޯސާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ ޔުނައިޓެޑުން ވަނީ ނޮކްއައުޓްގެ އުންމީދު އާކޮށްފައެވެ. ގްރޫޕް ބީގައި އެޓީމުން ކުޅެފައިވާ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާ އިރު، އެ ގްރޫޕުގެ އެއްވަނައިގައި އޮތް ރެއާލް ސޮސިއެދާދުން ވަނީ ހަތަރު މެޗުން 12 ޕޮއިންޓް ހޯދައި ކޮލިފިކޭޝަން ޔަގީން ކޮށްފައެވެ.

ގްރޫޕްގެ ތިންވަނައިގައި އޮތް ޝެރިފަށް ނޮކްއައުޓްގެ ފުރުސަތު އަދި އޮތް ނަމަވެސް އެޓީމަށް އޮތީ އުނދަގޫ ފުރުސަތެކެވެ. ހަތަރު މެޗުން ޝެރިފަށް ލިބިފައި ވަނީ އެންމެ ހަތަރު ޕޮއިންޓެވެ.

ޔުނައިޓެޑުން ގިނަ ހަމަލާތަކެއް އުފެއްދި މެޗުގައި އޮމްނިއާ ނިކޯސާއަށް ތަފާތު ކުޅުމެއް ދެއްކީ ކުރިން ޔުނައިޓެޑްގެ އެކަޑެމީގައި ކުޅުނު ގޯލްކީޕަރު ފްރޭންސިސް އުޒޯހޯއެވެ. އޭނާ މެޗުގައި 11 ސޭވްކުރި އިރު، ޔުނައިޓެޑުން ގޯލު ޖެހީ ގޯލަށް އަމާޒުކޮށް ފޮނުވާލި 12 ވަނަ ހަމަލައިގައެވެ.

ޔުނައިޓެޑްގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 93 ވަނަ މިނެޓުގައެވެ. އެ ގޯލު ޖަހައި ޓީމު މޮޅުކޮށްދިނީ ސްކޮޓް މެކްޓޮމިނީއެވެ.