ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެރަށު ލިލީ އޮފްދަ ވެލީ، އަހުމަދު އުދައްޔުއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން އެރަށު ގުލްފާމުގެ މުހައްމަދު މާޒިންއާއި ދައުވާ ލިބޭ ކުޑަކުއްޖާ، "އުދައްޔުއަށް ހޭ އަރުވާލާފައި" އޮންނާނެ ކަމަށް ބުނި ކަމަށް ހެކިވެރިއަކު ބުނެފިއެވެ.

އުދައްޔު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގއ. މާމެންދޫ/ ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފު ރަޝީދުގެ އިތުރުން އެރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދަައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާވެސް އެ މީހުންގެ މައްޗަށް ދައުލަތުން ކުރެއެވެ.

އުދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށްވެސް ދައުވާ ކޮށްފައިވެއެވެ. އެ ކުއްޖާގެ މައްސަލަ ޖުވެނައިލް ކޯޓުގައި ކުރިއަށްދާ އިރު، އެ ކުއްޖާއަށް މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފައެވެ. އެ ދައުވާތައް އެ ކުއްޖާގެ މައްޗަށް ވަނީ ސާބިތުވެސް ވެފައެވެ.

އުދައްޔުގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ހަތަރު ސިއްރު ހެކިވެރީންގެ ހެކިބަސް ނަގައިފައެވެ.

މިއަދު ހެކިބަސް ދިން މީހުންގެ ތެރެއިން އެކަކު ހެކިބަސް ދިނީ އުދައްޔުއަށް ދިން ހަމަލާއަށްފަހު އެކަމުގައި ބައިވެރިވި މީހުންނާއި އުދައްޔުގެ ބޭބެ މުހައްމަދު ފިރުޝާނާ ދެމެދު ހިނގި ޒުވާބުގައި ކަންކަން ހިނގާދިޔަ ގޮތް ސާފުކުރުމަށެވެ. އެގޮތުން އުދައްޔު މަރުވެއްޖެ ނަމަ އެ ހަމަލާދިން މީހުން މަރާލާނެ ކަމަށް ފިރުޝާނު ބުނި ކަމަށާއި އެކަމުގައި ރައްދުގައި މާޒިންއާއި ކުޑަކުއްޖާ އުދައްޔުއަށް ހަމަލާ ދީފައިވާ ކަމަށް ބުނެފައިވާ ކަމަށް ހެކިވެރިޔާ ބުންޏެވެ.

"އޮންނާނީ ހޭއަރުވާލާފައޭ. ތިއާ***** ހޭއަރުވާލަމޭ. މީ ކިންގުންނޭ" ދައުވާ ލިބޭ މާޒިންއާއި ކުޑަކުއްޖާ ފިރުޝާނާ ދިމާލަށް ބުނި ކަމަށް ހެކިވެރިޔާ ބުންޏެވެ.

ޝަރީއަތަށް ދެން ހާޒިރުކުރި ހެކިވެރިން ވަނީ އުދައްޔުއަށް ދިން ހަމަލާއާ ގުޅޭ މާބޮޑު މަންޒަރެއް ފެނިފައެއްނުވާ ކަމަށް ބުނެފައެވެ. އެގޮތުން އެތަނުން އެއް ހެކިވެރިޔަކީ، އުދައްޔުއަށް ދިން ފަރުވާއާ ގުޅޭ ގޮތުން ހުށަހެޅި ހެއްކެކެވެ.

އުދައްޔުގެ މަރުގެ މައްސަލާގައި މިހާތަނަށް ސިއްރު 8 ހެކިވެރީންގެ ހެކިބަސް ނަގާފައިވާއިރު، ދައުލަތުން ވަނީ ސިއްރު ހެކިވެރީން ހިމެނޭހެން އެހެން ހެކިވެރީންނަށް އިންޒާރުތައް ލިބި ބިރުދައްކަމުންދާކަމުގެ ތުހުމަތުތައް ކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ހެކިވެރީންގެ ހެކިބަސް ހޯދުމަށް އުނދަގޫވާކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

ދައުލަތުން އެ މައްސަލާގައި 20 އަށްވުރެ ގިނަ ސިއްރު ހެކިވެރިން ހުށަހަޅާފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ، އެ މައްސަލާގައި ހެކިބަސް ނެގުމުގެ ފުރުސަތު ދައުލަތަށް ދެން ނޯންނާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ، ދައުލަތުން އިތުރު ސިއްރު ހެކި ހުށަހަޅަން ހުރި ނަމަ އެ ފުރުސަތު އަދި ބަންދު ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އުދައްޔުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދި އިރު، އެކަމުގައި ބައިވެރިވި ޑޮކްޓަރަކު މި މައްސަލާގައި ހެކިބަސް ދެމުން ބުނެފައިވާ ގޮތުން، އުދައްޔު މަރުވީ ހިތުން ލޭ ފޮނުވާ މައިނާރު ކަފައިގެން ގޮސް ފުއްޕާމެއަށް ލޭ އެޅިގެންނެވެ.