ހުޅުމާލޭ ވޯޓާ ތީމް ޕާކެއް ހެދުމަށް ހަވާލުކުރި އެއްބަސްވުން ބާތިލުކޮށް، އެތަން އަތުލުމަށް އެޗްޑީސީން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ހައިކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއްގެ އިތުރުން ހަ ބުރީގެ ލެޝާ ހޮޓަލެއް ހެދުމަށް ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުންޏާއެކު 2017 ވަނަ އަހަރު އެޗްޑީސީން ހެދި އެއްބަސްވުން، މިދިޔަ މަހު އެޗްޑީސީން ބާތިލުކުރުމަށްފަހު މާދަމާގެ ނިޔަލަށް ތަން ހުސްކޮށް، އެތަން ހަވާލުކުރުމަށް އެންގި މައްސަލައެކެވެ.
މި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުނިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. އަދި އެއްބަސްވުން އުވާލައި އެތަން ނެގުމަށް އެޗްޑީސީގެ ފަރާތުން އެ ކުންފުންޏަށް ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ސިވިލް ކޯޓުގައި އެދުނެވެ.
ނަމަވެސް ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެ ނިންމުން ލެޝާ ކުންފުނިން ދެން ހުށަހެޅީ ހައިކޯޓަށެވެ. އެ ކުންފުނިން ހައިކޯޓުގައިވެސް އެދުނީ އެ ކޯޓުން ވަގުތީ އަމުރާމެދު ގޮތެއް ކަނޑައަޅަންދެން، އެޗްޑީސީގެ އެ ނިންމުމަށް އަމަލު ނުކުރުމަށް އެދި ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
އެ މައްސަލާގައި ހައިކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ އެ މައްސަލައަށް އެ ކޯޓުން ގޮތެއް ކަނޑައަޅަންދެން، އެ އެއްބަސްވުން ބާތިލުކޮށް ތަން ހަވާލުކުރުމަށް އެޗްޑީސީން ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކުރުމަށް އެ ކުންފުނީގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
ނަމަވެސް އެކަމާމެދު ހިތްހަމަނުޖެހިގެން އެޗްޑީސީގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އެއްވެސް އަޑުއެހުމެއް އަދި ތާވަލުކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު