ރާއްޖެއަށް 119 ކިލޯގެ ޑުރަގް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ގދ. ހޯނޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު (26އ)ގެ ބަންދާމެދު ގޮތެއް ނިންމުމަށް ހައިކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި އެ ކޯޓުން ކުރިން ނެރުނު އަމުރާ ހިލާފަށް ފުލުހުން އަރުޝަދު ދޫކޮށްލާފައިވާތީ އޭނާގެ ބަންދާމެދު ގޮތެއް ނިންމޭނެ ގާނޫނީ ސަބަބެއް ނެތުމުން، ޕާސްޕޯޓް ހިފަހައްޓަން އަމުރުކޮށްފިއެވެ.

ފިލައިގެން އުޅެނިކޮށް އަވަށްޓެރި ސްރީ ލަންކާއިން ޑީޕޯޓުކޮށްލުމުން އަރުޝަދު ރާއްޖެއިން ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ލަންކާއިން ޑީޕޯޓްކޮށްލުމުގެ ކުރިން އަރުޝަދު ދިރިއުޅެމުންދިޔައީ ދުބާއީގައެވެ.

އަރުޝަދަކީ 30 ޖަނަވަރީ 2020 ގައި ފުލުހުން މާލޭގައި ހިންގި ޑުރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެ ނެޓްވޯކުގައި އިސްކޮށް ހުރި މީހާއެވެ. އެ އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިންއާއި ހަތަރު ގްރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ. އެ ތަކެތީގެ މަގުމަތީ އަގު 4.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި އަރުޝަދު ހައްޔަރުކޮށްފައި ހުއްޓާ ކްރިމިނަލް ކޯޓުން އެ އަހރުގެ ފެބްރުއަރީ މަހު އޭނާ ދޫކޮށްލިއެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އޭނާ އަލުން ބަންދުކުރަން އަމުރުކޮށްފައެވެ. އެގޮތަށް އަމުރު ނެރުނީ 2020 މާޗް މަހުގެ ތެރޭގައެވެ.

އެ އަމުރު ނެރެފައިވަނިކޮށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މާލޭގެ ތިން ގެއަކާއި ހުޅުމާލޭގެ ގެއަކާއި ޓެކްސީއަކާއި ފްރައިވެޓް ކާރެއް އަދި ތިން ސައިކަލު ފާސްކޮށް 119 ކިލޯގެ މަސްތުވާތަކެތި ހޯދިއެވެ. ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އެތަކެތި އެތެރެ ކުރުމުގައިވެސް އެންމެ އިސްކޮށް އުޅުނީ އަރުޝަދެވެ.

ނަމަވެސް ޑުރަގް އޮޕަރޭޝަން ހިންގި ދުވަހު އަރުޝަދާއި އިތުރު މީހަކު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ.

އަރުޝަދު ރާއްޖެ އައުމުން ހައިކޯޓުގެ އަމުރެއް ތަންފީޒުކުރުމަށް ކަމަށް ބުނެ އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް އެ ކޯޓުގައި ރޭ ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު އަލީ ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ފައިސަލް ނިންމި ނިންމެވުމުގައި ވަނީ، އަރުޝަދު ބަންދުގައި ބަހައްޓައިގެން ރޭ 7:45 އަށް އެ ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށާއި ނަމަވެސް އެ އަމުރާ ހިލާފަށް ރޭ 7:08 ގައި ފުލުހުން އަރުޝަދު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

އަރުޝަދު ބަންދުން ދޫކޮށްލާފައިވާކަން އެނގުނީ އޭނާ ބަންދުން ދޫކުރި ލިޔުން އޭނާގެ ފަރާތުން ހައިކޯޓާ ހިއްސާކުރުމުންނެވެ. އެހެންވެ އަރުޝަދު ހައިކޯޓަށް ހާޒިރުކުރީ ބަންދުގައި ހުރި މީހެއްގެ ގޮތުގައި ކަމަށް ނުވާތީ އޭނާގެ ބަންދު އަމުރާމެދު ހައިކޯޓުން ގޮތެއް ނިންމޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށް ތިން ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.

ފަނޑިޔާރުން ވިދާޅުވީ، އަރުޝަދު މިނިވަންވި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް ކޯޓުގައި ކުރިއަށްދާތީ އަދި އޭނާއާ މުއާމަލާތްކުރަން ކޯޓުން މަސައްކަތްކޮށް ކުރިންވެސް އެކަންވެފައި ނުވާތީ، ކޯޓަށް އަރުޝަދު ހާޒިރުވާނެކަން ކަށަވަރުކުރުމަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓަންޖެހޭ ކަމަށާއި އޭނާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރެވޭނެ އިތުރު ލިޔުމެއް އޮތް ނަމަ އެ ލިޔުމެއްވެސް ހިފަހައްޓަންޖެހޭ ކަމަށެވެ. އަދި މާލެއިން ބޭރަށް އެއްވެސް ބޭނުމެއްގައި ދާނަމަ އެކަން ކޯޓަށް އަންގައި ލިޔުމުން ހުއްދަ ހޯދުމަށްވެސް އަމުރުކުރެއްވިއެވެ.

ހައިކޯޓުގެ ނިންމުމުގައި އިތުރަށް ބުނެފައިވަނީ، އަރުޝަދު އަމަލުކުރާ ގޮތެއްގެ ސަބަބުން އޭނާ ބަންދުގައި ބަހައްޓަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފެނިއްޖެ ނަމަ ގާނޫނީ ސަބަބުތަކާއެކު ހައިކޯޓުން ރޭ ނެރުނު އަމުރު މުރާޖާކުރަން އެދެވިދާނެ ކަމަށެވެ.