ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ބެންޗުން އަރައި މުހައްމަދު ސަލާހް ހެދި ހެޓްރިކާއެކު އެޓީމުން ރޭންޖާސް ބަލިކޮށްފިއެވެ.

ރޭ ރޭންޖާސްގެ އިބްރޮކްސް ސްޓޭޑިއަމްގައި ލިވަޕޫލުން މޮޅުވީ 7-1 ގެ ނަތީޖާއަކުންނެވެ. ނަތީޖާގެ ބޮޑު ފަރަގާއެކު ސަމާލުކަން ހުއްޓުނީ މިސްރުގެ ސުޕަސްޓާރު ސަލާހަށެވެ. އޭނާ މެޗަށް ނުކުތީވެސް އެންމެ 13 މިނެޓުގެ ވަގުތަކަށެވެ. ނުކުތްގޮތަށް ނުކުމެ، އެންމެ ހަ މިނެޓް ތެރޭގައި ހެޓްރިކެއް ފުރިހަމަ ކުރިއެވެ. އެއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް އެންމެ އަވަސް ހެޓްރިކެވެ.

މިހާތަނަށް ޗެމްޕިއަންސް ލީގުގައި ބަދަލަކަށް ނުކުމެ ހެޓްރިކް ހަދާފައި ވަނީވެސް އެންމެ ހަ ކުޅުންތެރިންނެވެ. އެއީ ސަލާހާއި، އޫވޭ ރޯސްލާ، ވޯލްޓާ ޕަންޑިއާނީގެ އިތުރުން ކިލިއަން އެމްބާޕޭ އާއި މާކަސް ރަޝްފޯޑެވެ. ސަލާހް ރޭ މުގުރާލީ 2011 ވަނަ އަހަރު ލިޔޯންގެ ބަފެޓިމްބީ ގޮމިސް ހަދާފައިވާ ރެކޯޑެކެވެ. ލިޔޯންއިން 7-1 އިން ޑައިނަމޯ ޒަގްރަބު ބަލިކުރި އެ މެޗުގައި ގޮމިސް ހެޓްރިކް ހެދީ 8 މިނެޓުންނެވެ.

ރޭގެ މެޗުން މޮޅުވެ ލިވަޕޫލަށް ވަނީ ގަދަ 16 އާއި ގާތަށް ޖެހިލެވިފައެވެ. އެ ގްރޫޕުގައި ރޭ ނަޕޯލީން ގަދަ 16 ޔަގީންކުރި އިރު، މިވަގުތު ދެވަނައިގައި އޮތީ ލިވަޕޫލެވެ. އެއީ ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކުގައެވެ. ތިންވަނައިގައި އޮތް އަޔެކްސްއަށް ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ރޭންޖާސް ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނުކުތީ ފޯމު ދަށްކޮށް އޮވެގެންނެވެ. ލީގުގައި އެންމެފަހުން ކުޅުނު ދެމެޗުންވެސް މޮޅެއް ނުހޯދި އޮތް އިރު، ރޭގެ މެޗަށް ނުކުތީ މިދިޔަ ހަފުތާގައި އާސެނަލް އަތުން ބަލިވި ބަލިވުން ހަނދާން ނައްތާލުމަށެވެ. އެޓީމަށް އޮތް ޗެލެންޖަކީ އަނިޔާގެ މައްސަލަތަކެވެ. ލުއިސް ޑިއާޒާއި އެލެކްސެންޑްރާ އާނޯލްޑްގެ އިތުރުން ނަބީ ކެއިޓާވެސް ހުރީ އަނިޔާގައެވެ. އެންޑީ ރޮބާޓްސަން ރޭގެ މެޗަށް ނުކުތީ އަނިޔާގައި ކުޅުމާ ދުރުގައި ހުރުމަށް ފަހުއެވެ.

މާޔޫސްކަން ހަނދާން ނައްތާލަން ލިވަޕޫލުން ނުކުތް މެޗުގެ ނަތީޖާއިން ސަޕޯޓަރުން ހެއްވާވެސް ލިއެވެ. ފުރަތަމަ ރޭންޖާސްއިން ސްކޮޓް އާފީލްޑްގެ ގޯލުން ލީޑު ނެގި ނަމަވެސް ލިވަޕޫލުން ހާފު ނިންމާލީ އެއްވަރު ކޮށްގެންނެވެ. އެ ގޯލު ޖެހީ ރޮބާޓް ފިރްމީނޯ އެވެ. ދެވަނަ ހާފު ލިވަޕޫލަށް ފަހަތުން އަރައި ލީޑު ނަގައިދިނީވެސް އޭނާއެވެ. އެއީ ސީޒަނުގައި ފިރްމީނޯ ޖެހި ހަތް ގޯލެވެ.

ދެވަނަ ހާފުގައި އިތުރު ގޯލުތައް ޖެހީ ޑާވިން ނުނޭޒާއި ސަލާހްގެ އިތުރުން ހާވީ އެލިއަޓެވެ. ސަލާހްގެ ގޯލުތައް ފެނުނީ 76، 80 އަދި 81 ވަނަ މިނެޓުގައެވެ.