އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ލިވަޕޫލުން އެންމެފަހުން ވާދަކުރި މެޗުގެ ފަހުކޮޅުގައި ހިނގާދިޔަ ކަންކަން ބަލާނެ ކަމަށް އެފްއޭއިން ބުނެފިއެވެ.

ލިވަޕޫލާއި އާސެނަލް ވާދަކުރި މެޗު އާސެނަލުން 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރި އިރު، މެޗުގެ ފަހުކޮޅުގައި ކޮންމެވެސް ވަރަކަށް ހޫނުގަދަ ޒުވާބުތަކެއް ފެނިގެން ދިޔައެވެ. ދެ ޓީމުގެ ކުޅުންތެރިން ބޮނޑިވެގެން އުޅުނު މަންޒަރުވެސް ފެނިފައިވާ އިރު، ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާސެނަލްގެ ޑިފެންޑަރު ގެބްރިއަލް މަގަޅައެސްއާ ދިމާއަށް ބުނި ބަހެއްގެ ސަބަބުން ރެފްރީ މައިކަލް އޮލިވާ ވަނީ މެޗު ހުއްޓުމަކަށްވެސް ގެނެސްފައެވެ.

ބެލެވޭ ގޮތުގައި ހެންޑަސަން ގެބްރިއަލްއާ ނަސްލީ ގޮތުން ދިމާކުރުމުގެ ގޮތުން ކޮންމެވެސް ބަހެއް ބުނެފައިވެއެވެ. ހެންޑަސަން ރުޅިގަދަވެ ގެބްރިއަލްއާ ދިމާލަށް ބުނި ބަހުގެ ސަބަބުން ލިވަޕޫލް ކުޅުންތެރިންގެ މޫނު މައްޗަށްވެސް ނުތަވަސްކަން ވެރިވިތަން ފެނިގެން ދިޔައިރު، މެޗު ހުއްޓުމަކަށް ގެނެސް ރެފްރީ އޮލިވާ ވަނީ ދެ ކޯޗުން ކައިރިއަށް ގޮސް ވާހަކަދައްކައިފައެވެ. އެ ވާހަކަ ދެއްކި ވަގުތު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕާއި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާވެސް ފެނުނީ މާޔޫސީކޮށް ތިބި ތަނެވެ.

އެ މައްސަލާގައި މެޗު ތެރެއިން ރެފްރީ އިތުރު ފިޔަވަޅެއް އަޅާފައި ނުވި ނަމަވެސް، އެ މައްސަލަ އިއްޔެ ވަނީ އެފްއޭއިން ބަލަން ފަށައިފައެވެ. އެފްއޭއިން ނެރުނު ބަޔާނުގައި ބުނީ މެޗުގައި ހިނގާދިޔަ ކަންކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ ކަންކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ހެންޑަސަންއަކީ އިންގްލެންޑް ގައުމީ ޓީމުގެވެސް ވައިސް ކެޕްޓަނެވެ. ޓީމާއެކު ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ އިރު، އޭނާއަށް ނަސްލީގޮތުން ދިމާކުރުމުގެ މައްސަލައެއްގައި ބޮޑު ފިޔަވަޅެއް އެޅުން ވެގެންދާނީ ގައުމީ ޓީމަށްވެސް ނުތަވަސް ކަމަށެވެ. އެއީ ނަސްލީގޮތުން ދިމާކުރުމުގައި އަޅައި ފިޔަވަޅުތައް މިހާރު ޕްރިމިއާ ލީގުގައިވެސް ހަރުކަށި ކޮށްފައި އޮތުމުންނެވެ. ބެލެވޭ ގޮތުގައި ފިޔަވަޅު އަޅައިފިނަމަ، ހެންޑަސަންއަށް ބޮޑު ބޭނެއް އައުން އެކަށީގެންވެއެވެ.