ޚަބަރު

މިންހާޖު އަދިވެސް ނުފެނޭ، ޑައިވްކޮށްގެން މިއަދު 8،573 މީޓަރުގެ ސަރަހައްދެއް ބެލި!

މުހައްމަދު އިޝާން

އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ޒުވާނާ ހޯދުމަށް މިއަދު 8،573 މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އައްޑޫ ސިޓީ ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު، 28އ އެވެ.

ފުލުހުން މިއަދު ބުނީ، އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލައި ގެއްލުނު މީހާ ހޯދުމަށް އއ. ފެރިދޫގެ ހުޅަނގު ފުއްޓަރު ފަރާތު ކަނޑުގެ ސަރަހައްދަށް ޑައިވްކޮށް 8،573 މީޓަރުގެ ސަރަހައްދެއް މިއަދު ބަލާފައިވާ ކަމަށެވެ. ނަމަވެސް ޒުވާނާ ފެނިފައިނުވާ ކަމަށެވެ.

"މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.

ފުލުހުން ރޭ ބުނެފައިވަނީ މިންހާޖު ހޯދުމަށް 87.6 އަކަ މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

މިންހާޖާއި އިތުރު މީހަކު ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިމަހުގެ ހަތްވަނަ ދުވަހު ކަމަށާއި އެ މައުލޫމާތު ލިބުމާއެކު މެރިން ޕޮލިހުގެ ޑައިވް ޓީމެއް ހަމަ އެ ދުވަހު އއ. އަތޮޅަށް ގޮސް، މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ރޭ ބުނެފައިވެއެވެ.

ލޯންޗުން ދަތުރުކުރި ކަމަށް ބުނާ ދެމީހުންގެ ތެރެއިން އެކަކު، މިމަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 1:00 ހާއިރުން ފެށިގެން ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ވަނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ 8:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

އޭގެ ތެރެއިން އެކަކު މިމަހުގެ ހަތްވަނަ ދުވަހު ފެރިދޫ ފުއްޓަރާ ދިމާއިން ފެނިގެން ވަނީ ފެރިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. އޭނާ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.

މިންހާޖު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ވެސް އަންނަނީ ކުރަމުންނެވެ. އެމްއެންޑީއެފުން އިއްޔެ ބުނެފައިވަނީ ގެއްލުނު ޒުވާނާ ހޯދުމަށް 750 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އޭގެ އިތުރުން ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު އަލީއާއި، ކޯސްޓްގާޑު ފާސްޓް އިންޓަސެޕްޓާ ކުރާފްޓް "ހަކުރާ" އިން 270 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން އަންނަނީ ވައިގެ މަގުން ވެސް މިންހާޖު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި މިންހާޖު އެންމެ ފަހުން ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެކެވެ. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981، 3398898 ނަންބަރަށް އަދި ވައިބާ ކުރާނަމަ 9931082 އަދި ފެކްސް ކުރާނަމަ 3391665 ނަމްބަރަށް ފެކްސްކުރުމަށް އެމްއެންޑީއެފުން އެދެއެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އިތުރަށް އެއްކުރަން ޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ އިރު، އެ ހާދިސާގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ވަނީ ފާހަގަވެފައެވެ. ނަމަވެސް އެ ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ފުލުހުން އަދި ހިއްސާކޮށްފައެއް ނުވެއެވެ.