ހުޅުމާލޭގައި ޓެކްސީ ޑްރައިވަރު އދ. މާމިގިލީ/ ގާސިމް ހަސަން، 59އ. މަރާލި މައްސަލާގައި ހުސާލާ ބަޔާން ނިންމާލައި އަދަބާމެދު ގޮތެއް ނިންމާ އަޑުއެހުން އަންނަ މަހަށް ތާވަލުކޮށްފިއެވެ.
ގާސިމް މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ޅ. ހިންނަވަރު/ ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާ އޭނާގެ މައްޗަށް އުފުލީ، ރަޖިސްޓްރީ ނަންބަރު AB1AC-5678 ޓެކްސީގައި 4 ޑިސެންބަރު 2019 ވަނަ ދުވަހުގެ 21:06 ހާއިރު، އޭނާއާއި ގާސިމް ހަސަން ދަތުރުކުރި އިރު، އެ ޓެކްސީ ހުޅުމާލޭގެ އެސްޑަބްލިޔު ކޮންސްޓްރަކްޝަން ހިމެނޭ ސަރަހައްދުން ރީތިގަސްމަގާއި ކުރިކީލަ މަގު ގުޅުނު ކަންމަތިން ލަނބާލި ވަގުތު ޓެކްސީގެ ޑްރައިވަރު ސީޓުގެ ފަހަތު ސީޓުގައި އިނދެފައި ގާސިމުގެ ކަރަށް ތިލާގައި ހަ އިންޗި ހުރި ވަޅިއަކުން ހަމަލާދިނުމުން ގާސިމް މަރުވެފައިވާތީއެވެ.
އެ މައްސަލާގައި އެންމެ ފުރަތަމަ ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އަދުހަމް ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. ނަމަވެސް އޭގެ ފަހުން އަވަސް ނިޔާއިން މައްސަލަ ނިންމުމަށް ބޭއްވި އަޑުއެހުމުގައި އޭނާ ދައުވާއަށް އިންކާރުކުރުމުން މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ވަނީ އަލުން ކުރިއަށް ގެންގޮސްފައެވެ.
އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި އަދުހަމް ވަނީ ގާސިމުގެ ކަރަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި ނަމަވެސް އެއީ ގާސިމް މަރާލުމުގެ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ. އެގޮތުން ގާސިމުގެ ކަރަށް ވަޅި ހެރުނީ ގާސިމުގެ އަތުން ފޭރެން އުޅުމުގެ ތެރޭގައި ކަމަށާއި އެ ގަޑީގައި ހުރީ މަސްތުގެ ހާލުގައި ކަމަށް ބުންޏެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ވަނީ އެ މައްސަަލައިގެ ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމެއް ބާއްވައިފައެވެ.
ފުރަތަމަ ހުލާސާ ބަޔާން އިއްވީ ދައުލަތުންނެވެ. ދައުލަތުން ހުލާސާ ބަޔާން އިއްވަމުން ވަނީ، އަދުހަމުގެ މައްޗަށް ހުށަހެޅި ހެކިތަކުން އޭނާގެ މައްޗަށް އެ ދައުވާ ސާބިތުވާނެ ކަމަށް ބުނެފައެވެ. އެގޮތުން އަދުހަމް ގެންގުޅުނު ވަޅިއާއި އޭނާ ލައިގެން ހުރި ގަމީހާއި ގާސިމުގެ ކާރުން ފެނިފައިވާ ޑީއެންއޭއާއި އަދުހަމުގެ ޑީއެންއޭއާ ދިމާވާ ކަމަށް ބުނެފައިވެއެވެ.
ހުސާލާ ބަޔާން އިއްވަމުން އަދުހަމުގެ ވަކީލު ވިދާޅުވަނީ އަދުހަމުގެ މައްޗަށް މަރުގެ ދައުވާއެއް އުފުލުނު މީ ފުރަތަމަ ފަހަރު ކަމަށާއި އެހެންވެ ޝަރީއަތުން ހުކުމް އިއްވާއިރު އެކަމަށް ރިއާޔަތްކުރަން އެދޭ ކަމަށެވެ. ދިފާއުންވެސް ވަނީ ގާސިމު މަރާލި މައްސަލާގައި ކުށުން ބަރީއަވުމަށް އަދުހަމް މަސައްކަތްނުކުރާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން ދިފާއީ ވަކީލު ވަނީ އަދުހަމަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށާއި ގާސިމު މަރާލި ހާދިސާ ހިނގީ އަދުހަމަށް ރިހެބިލިޓޭޝަންގެ ފުރުސަތުވެސް ލިބިފައި އޮއްވާ ކަމަށް ބުނެފައެވެ.
"އެއްވެސް އިރަކު ނުބުނޭ އަދުހަމަށް މަސްތުވާތަކެތި މީހަކު ދިނީއެކޭ. ނަމަވެސް މަސްތުވާތަކެތި ހޯދުމަށާއި ގޭގެ ކުލި ދެއްކުމަށާއި މިކަހަލަ އެތައް ބައިވަރު ކަންކަމަށްޓަކައި ފޭރެމުން އައިސް އެންމެ ފަހުން މިހާ ހިސާބަށް ކަންތައް މިދިޔައީ" އަދުހަމްގެ ވަކީލް ވިދާޅުވިއެވެ.
ދެ ފަރާތުންވެސް ހުލާސާ ބަޔާން އިއްވުމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ ދައުވާއާމެދު ގޮތެއް ނިންމުން ކަމަށެވެ. އެ އަޑުއެހުން އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު