ޚަބަރު

ބޭރު ދެ މީހަކަށް އިމިގްރޭޝަން މުވައްޒަފަކު ފުރައްސާރަކޮށް، ފޮނުވާލި މައްސަލައެއް 241 ކޮމިޓީއަށް

އިބްރާހިމް ޒަކީ

ރާއްޖެ އައި ދެ މީހަކަށް އިމިގްރޭޝަން މުވައްޒަފެއްގެ ފުރައްސާރަ ކުރިމަތިވެ އެ ދެމީހުން ރާއްޖޭން ފޮނުވާލި މައްސަލައެއް ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ހުސްވި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އިނގިރޭސި ވިލާތުގެ ޕާމަނަންޓް ރެޒިޑެންޓެއް ކަމަށްވާ އިންތިކާބު އިދުރީސްއާއި ސްރީ ލަންކާގެ މީޑިއާ އޮފިޝަލެއް ރާއްޖެ އައުމުން އިމިގްރޭޝަންގެ މުއައްޒަފެއްގެ ފަރާތުން ފުރައްސާރަ ކުރިމަތިވެ އެ މީހުން ރާއްޖެއިން ފޮނުވާލާފައިވާ މައްސަލައެއް ބަލަން މަޖިލީހުގެ ރައީސް ވިދާޅުވެފައިވާތީ، މަޖިލީހުގެ އިދާރާއިން އެ މައްސަލަ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އެހެންކަމުން އެކަން ހިނގާފައިވާ ގޮތުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދަމުންގެންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ކަމާބެހޭ ފަރާތްތަކުން ދޭ މައުލޫމާތުތައް ކޮމިޓީއަށް ހުށަހަޅުއްވައިގެން ކުރިއަށްގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، މަޖިލިސް ރައީސް ހުށަހަޅުއްވާފައިވާ މައްސަލައިގައި ހިމެނޭ ދެ މީހުން، ރާއްޖެއިން ޑީޕޯޓްކޮށްލީތޯ ނުވަތަ އެއާޕޯޓުގައި ދިމާވި މައްސަލަތަކާ ހުރެ އެ މީހުން އަމިއްލައަށް ފުރައިގެން ދިޔައީތޯ ރަނގަޅަށް ސާފުކުރަންޖެހޭ ކަމަށެވެ.

މިދުވަސްކޮޅު ރާއްޖެ އަންނަ މީހުންގެ އަދަދު އިތުރުވެފައިވާތީ، އިމިގްރޭޝަންގައި ގިނައިރުތަކެއް ހޭދަކުރަން ޖެހުނު ކަމަށް އިއްޔެ ރާއްޖެ އައި ބައެއް މީހުން ހިއްސާކޮށްފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އެކަމުގައި ކިހިނެއްތޯ ވެގެން މިދިޔައީ ވަރަށް ކުލިއާކޮށް އެނގެންޖެހޭ، މިހާރު އެރައިވަލް ވަރަށް ބޮޑުވެފައި އޮތީ އެހެންވެ، އިއްޔެ ލަންކާއިން ރާއްޖެ ވަޑައިގެންނެވި ބޭފުޅަކު އަޅުގަނޑަށް ކިޔައިދެއްވި އެއްގަޑިއިރަށްވުރެ ގިނަ ވަގުތު އިމިގްރޭޝަންގައި ވަގުތު ނެގި ކަމަށް، އެެހެންވީމާ މިކަހަލަ ކަންތައްތައް ކުރިމަތިވެގެން ޑިލޭއެއްގެ ސަބަބުން ދިމާވި މިސްއަންޑަސްޓޭންޑިންއެއްތޯ ބަލަންޖެހޭ،" ޝަރީފް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މަޖިލިސް ރައީސް ހުށަހެޅުއްވި މައްސަލައިގައި ހިމެނޭ ދެމީހުންނާ ބެހޭ މާބޮޑު މައުލޫމާތެއް ކޮމިޓީއަށް ފޮނުވާފައިނުވާ ކަމަށާއި ނަންވެސް ފުރިހަމަ ނުވުމުގެ އިތުރުން އެމީހުންގެ އެއްވެސް ލިޔުމެއް އަދި އެއީ ކޮންބައެއްކަން އެނގޭ މައުލޫމާތުތައް ކޮމިޓީއަށް ފޮނުވާފައިނުވާ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތުތައް މަޖިލިސް އިދާރާއިން އޮޅުން ފިލުވާނެ ކަމަށް ވިދާޅުވިއެވެ.

މި މައްސަލަ މެންބަރެއް މެދުވެރިނުކޮށް ސީދާ މަޖިލީހުގެ ރައީސަށް ހުށަހެޅިދާނެތޯ ބައެއް މެންބަރުން ސުވާލު އުފެއްދެވިއެވެ. އަދި މައްސަލައެއް ފޮނުވާއިރު އޭގައި ހިމެނޭ މީހުންގެ ފާސްޕޯޓާއި އައިޑީކާޑާއި ފުރިހަމަ ނަމާބެހޭ މައުލޫމާތުތައް ފަދަ މައުލޫމާތުތައް ހިމެނެންޖެހޭނެ ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.