ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ޕެޑްރީ ގޮންޒާލޭސް ޖެހި ގޯލުން ސެލްޓާ ވީގޯ ބަލިކޮށްފިއެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗުން އެޓީމު މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވެ ބާސާއަށް އަށް މެޗުން 22 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށްވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފައެވެ. ބާސާއަށް ފައިދާ ގޯލުގެ ފަރަގުން އެއްވަނަ ލިބޭ އިރު، ދެން ބާސާއިން ލީގުގައި ނުކުންނާނީ ރެއާލްއާ ދެކޮޅަށެވެ. ސީޒަނުގެ ފުރަތަމަ "އެލް ކްލެސިކޯ" އަންނަ ހަފުތާ އޮންނަ އިރު، އެ މެޗުން ލީގުގެ އެއްވަނަ މަގާމު ކަނޑައެޅޭނެއެވެ.

ރޭގެ މެޗަށް ނުކުތް އިރުވެސް އެންމެ ބޮޑު މައްސަލައަކަށް ބާސާއަށް ދިމާވެފައި އޮތް މައްސަލައަކީ އަނިޔާގެ މައްސަލައެވެ. ފަހަތަށް ކުޅޭ ޖޫލް ކޫންޑޭއާއި ރޮނާލްޑް އަރައުހޯ އަދިވެސް އަނިޔާގައި ތިބި އިރު، ސެންޓަ ބެކަށް ކޯޗު ޒަވީ ހެނާންޑޭޒް ބޭނުންކުރީ މާކަސް އެލޯންސޯއެވެ. ޗެލްސީން މިދިޔަ ސީޒަނުގައި ގެންދިޔަ އެލޯންސޯއަކީ އާންމުކޮށް އަރިމަތިން ފަހަތަށް ކުޅޭ ވިންގް ބެކެކެވެ.

ބާސާއިން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ 17 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އުމުރުން 19 އަހަރުގެ ޕެޑްރީ ޖެހި ގޯލެކެވެ. ގަވީ އަރިމަތިން ނަގައިދިން ބޯޅައިން ޕެޑްރީ ރޭ ޖެހީ ސީޒަނުގައި އޭނާ ޖެހި ދެވަނަ ގޯލެވެ.

ސެލްޓާ ވީގޯ އިން ނަތީޖާ ހަމަހަމަކުރުމަށް ކުރި މަސައްކަތުގައި އިއާގޯ އަސްޕާސްއާއި ގަންކާލޯ ޕަސިއެންސިއާ ޖެހި ބޯޅަތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މިހާތަނަށް ސީޒަނުގައި ބާސާއިން ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު ހޯމް މެޗުގައި ކްލީން ޝީޓް ދަމަހައްޓާފައިވެއެވެ. އެޓީމު ކޮޅަށް އަދި ލީގުގައި ވަދެފައި ވަނީވެސް އެންމެ ގޯލެކެވެ.