އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ބަދަލަކަށް ނުކުތް ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލާއެކު އެވަޓަން ބަލިކޮށްފިއެވެ.
އެވަޓަންގެ ދަނޑުގައި ޔުނައިޓެޑުން ރޭގެ މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ ޔުނައިޓެޑުން ވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ. ކުޅުނު 8 މެޗުން 15 ޕޮއިންޓް ޔުނައިޓެޑަށް ލިބިފައިވާ އިރު، ހަތަރުވަނައިގައި އޮތް ޗެލްސީއަށް 8 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ.
ރޭގެ މެޗު ހާއްސަވީ ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯއަށެވެ. ރޮނާލްޑޯއަށް މި ސީޒަނުގެ ފެށުން އުނދަގޫވެފައިވާ އިރު، ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގު އޭނާ ބޭނުން ކުރަމުން އަންނަނީ ވެސް ބެންޗު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެކަމުގައި ރޮނާލްޑޯގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން މީޑިއާއަށްވެސް ދާދިފަހުން ތިލަވެފައިވެއެވެ. ރޭގެ މެޗު ރޮނާލްޑޯ ބެންޗުން ފެށި ނަމަވެސް ފުރަތަމަ ހާފުގައި ކުޅެން ނުކުންނަން ޖެހުނީ އެންތޮނީ މާޝިއަލްއަށް އަނިޔާވެގެންނެވެ. ބަދަލަކަށް ނުކުމެ ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ ދެވަނަ ގޯލު ޖަހައިދީ ކްލަބު ކެރިއަރުގައި 700 ގޯލު ހަމަކޮށްފައެވެ.
ރޮނާލްޑޯއަކީ ޔޫރަޕްގެ ފުޓުބޯޅައިގައި 700 ކްލަބު ގޯލު ހަމަކުރި ހަމައެކަނި ކުޅުންތެރިޔާވެސް މެއެވެ. އުމުރުން 37 އަހަރުގެ ރޮނާލްޑޯ ޔުނައިޓެޑް ޖާޒީގައި 144 ގޯލު ޖެހި އިރު، ކެރިއަރު ފެށި ސްޕޯޓިންގައި ފަސް ގޯލު، ރެއާލް މެޑްރިޑްގައި 450 ގޯލު އަދި ޔުވެންޓަސްގައި 101 ގޯލު ޖަހައިފައިވެއެވެ.
ޔުނައިޓެޑާއި އެވަޓަން ރޭ ކުޅުނު މެޗުގެ ފަސްވަނަ މިނެޓުގައި އެވަޓަންއިން ލީޑު ނެގީ އެލެކްސް އިވޯބީ ޖެހި ގޯލުންނެވެ. އެ ގޯލާއެކު އެވަޓަންއިން ރަނގަޅަށް ފެށި ނަމަވެސް 15 ވަނަ މިނެޓުގައި އެންޓޮނީ ވަނީ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ރޮނާޅްޑޯ ވަނީ ޔުނައިޓެޑަށް ލީޑުވެސް ނަގައިދީފައެވެ.
ރޮނާލްޑޯގެ ގޯލަކީ މެދުތެރެއިން ކަސެމީރޯ ދުއްވާލި ބޯޅައަކަށް އަރިމަތިން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅައިން ޖެހި ގޯލެކެވެ.
މެޗުގެ ދެވަނަ ހާފު ވާދަވެރިކޮށް ފެނުނު އިރު، ބޮޑަށް ނުރައްކާކޮށް ފެނުނީ އެވަޓަންއެވެ. އެވަޓަންއިން ގިނަ ހުރަސްތަކެއް ނަގައި ޔުނައިޓެޑްގެ ޑިފެންސަށް ބާރު ބޮޑު ކުރި ނަމަވެސް މަދުވީ ގޯލެކެވެ.
ރޭގެ މެޗުން ބަލިވެ އެވަންޓަން އޮތީ ތާވަލުގެ 12 ވަނައިގައެވެ. އެޓީމަށް ނުވަ މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު