ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އަރާފައިވާ ސެލްފު އެލިވޭޓިން ޕްލެޓްފޯމް (އެސްއީޕީ) އިން ފަރަށް ލިބުނު ގެއްލުން ބެލުމަށް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ކުރި ސާވޭގެ ރިޕޯޓު ބަލައިގަންނަން ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ދެކޮޅު ހަދައިފިއެވެ.

ތިލާމާލެ ބުރިޖުގެ މަސައްކަތް ބޭނުންކުރަމުން އައި އެ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ދަންވަރު 2:45 ހާއިރެވެ. އެ ޕްލެޓްފޯމް ފުންކޮށްފައިވަނީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. ޕްލެޓްފޯމް ފުން ކުރެވެމުން މިދިޔަ މަހުގެ އެއްވަނަ ދުވަހު އީޕީއޭއިން ވަނީ ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ސާވޭ ކުރަން ފަށައިފައެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް "ވަން" އަށް މިރޭ ވިދާޅުވީ، އީޕީއޭއިން ތައްޔާރުކުރި ސާވޭގެ ރިޕޯޓު ބަލައިނުގަތުމުގެ ހައްގު އެފްކޮންސްއަށް ލިބިގެންވާ ކަމަށާއި ވިލިމާލޭ ފަރުގެ ސާވޭ ކުރުމުގެ ހުއްދަ މިހާރު އެފްކޮންސްއަށް ދީފައިވާ ކަމަށެވެ. އަދި އެ ހުއްދަ ދިނީ އެފްކޮންސްއިން ފަރު އަލުން ސާވޭކުރަން ބޭނުންވާކަން އެންގުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެފްކޮންސްއިން ރިޕޯޓު ބަލައިނުގަނެ އެއާ ދެކޮޅު ހެދުމަކީ އެމީހުންނަށް ލިބިގެންވާ ހައްގެއް،" ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ އީޕީއޭއާ ގުޅިގެން ފަރު ސާވޭ ކުރުމުގެ ފުރުސަތު އެފްކޮންސްއަށް ދިން ނަމަވެސް އެ ކުންފުނިން ސާވޭ ކުރުމުގައި ބައިވެރިވެފައި ނުވާ ކަމަށެވެ. އަދޮ އީޕީއޭއިން ތައްޔާރުކުރި ރިޕޯޓު ބަލައިނުގަނެ އަލުން ސާވޭ ކުރަން ބޭނުންވާކަން އެފްކޮންސްއިން ދެ ހަފުތާ ކުރިން އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.

"އެފްކޮންސްއަށް މިހާރު ވަނީ ސާވޭ ކުރުމުގެ ހުއްދަ ދީފައި. އެމީހުންނަށް މާ ކުރިން ވެސް ވަނީ ސާވޭ ކުރުމުގެ ހުއްދަދީފައި. އެމީހުން އެބަ ބުނޭ އީޕީއޭއިން ޑެމޭޖް ސަރަހައްދު ބެލިގޮތް ގޯހޭ، މާ ބޮޑުކޮށޭ ބަލާފަ އެހުރީ ޑެމޭޖުވި ސަރަހައްދު،" ނައީމް ވިދާޅުވިއެވެ.

އީޕީއޭއިން ތައްޔާރުކުރި ރިޕޯޓަށް ޖަވާބުދާރީވުމަށް އެފްކޮންސްއަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާނެ ކަމަށާއި އެ މުއްދަތު އަދި ހަމަނުވާ ކަމަށް ނައީމް ވިދާޅުވިއެވެ. ފަރަށް ލިބުނު ގެއްލުމުގެ ރިޕޯޓު އާންމު ނުކުރަނީ އެހެންވެގެން ކަމަށް ވެސް ނައީމް ވިދާޅުވިއެވެ.

އެފްކޮންސް އިން ތަރައްގީކުރާ ބުރިޖުގެ ޕްލެޓްފޯމު ފުންކުރަން 12 ދުވަސް ނެގި އިރު، ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން އެ ސަރަހައްދަށް ވަމުންދިޔަ ގެއްލުމާ މެދު ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.