ޚަބަރު

މިދިޔަ މަހު ޕީޖީއަށް 214 މައްސަލަ، ގިނައީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތައް

މުހައްމަދު އިޝާން

މިދިޔަ ސެޕްޓެމްބަރު މަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް 214 މައްސަލައެއްގައި ދައުވާކުރަން ފޮނުވާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން 214 މައްސަލަތަކުގެ ތެރެއިން 70 މައްސަލައެއް އިތުރަށް މައުލޫމާތު ސާފުކުރަން އަނބުރާ ފޮނުވާލި ކަމަށާއި އެ އޮފީހަށް ބަލައިގެންފައިވަނީ 60 މައްސަލައެއް ކަމަށެވެ.

މިދިޔަ މަހު އެ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ގިނައީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކާ ގުޅުންހުރި މައްސަލަތަކެވެ.

ޕީޖީން ބުނީ މަސްތުވާތަކެތި ބޭނުންކުރުމުގެ 61 ދައުވާ އާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ހަ ދައުވާ އާއި މަސްތުވާތަކެތި މުއާމަލާތު ކުރުމުގެ ތިން ދައުވާގެ އިތުރުން މަސްތުވާތަކެތި ޕެޑްލްކުރުމުގެ ދެ ދައުވާއެއް މިދިޔަ މަހު ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ވައްކަން ކުރުމުގެ 20 ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ 14 ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ 14 ދައުވާ ކޯޓުތަަކަށް ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ މަހު ކުރިމިނަލް ކޯޓުގައި 447 ޝަރީއަތް، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި 80 އަދި ޑްރަގް ކޯޓުގައި 186 ޝަރީއަތް ބާއްވާފައިވާ ކަމަށް ޕީޖީން ބުންޏެވެ. ކުރިމިނަލް ކޯޓުތަކުގައި ތާވަލުކުރި 354 ޝަރީއަތް ކެންސަލްވެފައިވާ އިރު، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ތާވަލުކުރި މައްސަލަތަކުގެ ތެރެއިން 77 ޝަރީއަތެއް ކެންސަލްކުރި ކަމަށާއި ޑްރަގް ކޯޓުން 74 ޝަރީއަތް ކެންސަލްކުރި ކަމަށް ޕީޖީން ބުންޏެވެ.

ދައުވާކޮށް ދިނުމަށް އެންމެ ގިނައިން ޕީޖީއަށް މައްސަލަ ފޮނުވާފައިވަނީ ފުލުހުންނެވެ. ފުލުހުންގެ ފަރާތުން 202 މައްސަލައެއްގައި ދައުވާކޮށް ދިނުމަށް ޕީޖީއަށް ފޮނުވިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިހަ މައްސަލައެއް ފޮނުވި އިރު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ފޮނުވާފައިވަނީ ދެ މައްސަލައެވެ.