މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީ ނެތް ހާލަތުގައި ނުވަތަ ޗެއިން އޮފް ކަސްޓަޑީއާމެދު ސުވާލު އުފެދި އަދި މެދުކެނޑިފައިވާ ހާލަތުގައި ހެކިން ހާޒިރުކުރަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

"ޗެއިން އޮފް ކަސްޓަޑީ" އަކީ އަތުލައިގަންނަ މަސްތުވާތަކެތި، އެކަކު އަތުން އަނެކަކު އަތަށް ހަވާލުކުރުމުގައި ނުވަތަ އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި އެ ތަކެތި ހަވާލުކުރާ ފަރާތާއި ހަވާލުވާ ފަރާތުގެ މައުލޫމާތާއި ތާރީހާއި ގަޑި ލިޔެ ރިކޯޑްކުރާ ކުރުމެވެ.

ޗެއިން އޮފް ކަސްޓަޑީ ނެތިގެންނާއި ޗެއިންގައި ބައެއް މައްސަލަތައް ހުރުމުން މަސްތުވާތަކެއްޗާބެހޭ ބޮޑެތި ބައެއް މައްސަލަތައް ސާބިތުނުވާ ކަމަށް މީގެކުރުން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެއެވެ.

އޭގެ ތެރޭގައި މިފަހުން އެގޮތަށް ދިމާވި ފާހަގަކޮށްލެވޭ އެއް މައްސަލައަކީ ސްރީ ލަންކަންގެ ފްލައިޓަކުން 23 ނޮވެމްބަރު 2016 ވަނަ ދުވަހު ރާއްޖެއައި މޫސާ ސާމީ (ގްރީންހައުސް/ ށ. ބިލެތްފަހި) ގެނައި ޓްރޮލީ ދަބަހެއްގެ ދަށުގައި ހުރި ޕްލާސްޓިކްގަނޑެއްގެ ދަށުން ޑްރަގް ފޮރުވާފައި ހުރި ކަމަށް ކަސްޓަމްސްއަށް ތުހުމަތު ކުރެވުނު މައްްސަލައެކެވެ.

އެ މައްސަލާގައި ފުލުހުން ބެލީ ސާމީއާ ގުޅިގެން އެ ޑްރަގާ ހަވާލުވާން އަންނަ ފަރާތެއް ހޯދޭތޯއެވެ. އެގޮތުން ސާމީ މާލޭގެ ގެސްޓްހައުސްއަކަށް ގެންގޮސް، ދަބަހާ ހަވާލުވާން އެ ގެސްޓްހައުސްއަށް އައި އިސްމާއިލް ޝިއާރު އިބްރާހިމްފުޅު (ހުޅަގުމަތީގެ/ޅ. ހިންނަވަރު) ހައްޔަރުކުރިއެވެ.

ދައުލަތުން ބުނެފައި ވަނީ، އެ ދަބަހުގެ ފަހަތުގައި ފޮރުވާފައި ހުއްޓާ ފެނުނީ 2489 ގްރާމުގެ ޑައިމޯފިން ކަމަށެވެ. އެ މައްސަލާގައި ދައުލަތުން އެ ދެ މީހުންނަށްވެސް ދައުވާކުރިއެވެ. އޭގެ ތެރެއިން ޝިއާރަށް ކުރީ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. ސާމީއަށް ކުރީ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ދައުވާއެވެ.

އެ ދެ މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެލި އިރު، އެ މީހުންގެ ފަރާތުން އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ އަތުން ފެނުނު ކަމަށް ބުނާ ޑްރަގް ތަހުލީލުކުރި ފަރާތާ ހަމައަށް ދިޔަ ގޮތުގެ ޗެއިން އޮފް ކަސްޓަޑީ ކާޑު ދައުލަތުން ހުށަހަޅާފައި ނުވުމެވެ.

އެހެންވެ ކްރިމިނަލް ކޯޓުން މިދިޔަ މާޗު މަހުގެ ތެރޭގައި ކުރި ހުކުމުގައި ވަނީ، އެ މައްސަލާގައި ދައުލަތުން ޗެއިން އޮފް ކަސްޓަޑީ ކާޑުގެ ބަދަލުގައި ހުށަހަޅާފައި ވަނީ ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މައުލޫމާތު ފޯމާއެކު ހުށަހަޅާފައިވާ ޗެއިން އޮފް ކަސްޓަޑީ ފޯމު ކަމަށެވެ.

ނަމަވެސް އެ ފޯމަކީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާ މެދުގައި އަމަލު ކުރާނެ ގޮތުގެ ގަވައިދުގައިވާ ގޮތަށް ޗެއިން އޮފް ކަސްޓަޑީ ކާޑުހެން، އެއާ ހަވާލުވާ އެންމެންގެ ވަނަވަރާއި ހަވާލުވި ގަޑިއާއި ތާރީހު ހިމެނޭހެން ހަދާ ފުރިހަމަ ޗެއިން އޮފް ކަސްޓަޑީއެއް ނޫން ކަމަށް ބުނެފައިވެއެވެ.

ދައުލަަތުން ހުށަހެޅި ޗެއިން އޮފް ކަސްޓަޑީ ފޯމުގައި، ޑުރަގް ކަމަށް ބެލެވޭ ތަކެތި ތަހުލީލުކުރި ފަރާތްވެސް އެ ތަކެއްޗާ ހަވާލުވި ކަމަށް އެނގެން ނެތެވެ.

އެހެންކަމުން ހުކުމުގައި ވަނީ ލެބޯޓްރީއަށް ޑުރަގް ގެންދިޔަ ގޮތާމެދު ޝައްކުތަކެއް އެބަހުރި ކަމަށާއި ތަހުލީލު ރިޕޯޓުގައި ބަޔާންކުރި ތަކެއްޗަކީ ފުލުހުން ސީނުން ހިފެހެއްޓި ތަކެތި ކަމާމެދު ޝައްކު އުފެދޭ ކަމަށާއި ފެނުނީ ޑައިމޯފިންކަން ފުލުހުންނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

އެހެންވެ އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.

ކޯޓުތަކުން އަމަލު ކުރުމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން މިއަދު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައި ވަނީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަހުލީލު ކުރެވިފައި ވަނީ، މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިތޯ ކަށަވަރުކުރުމުގައި ޗެއިން އޮފް ކަސްޓަޑީ ފޯމް ނެތް ނަމަ ނުވަތަ ޗެއިން އޮފް ކަސްޓަޑީއާމެދު ސުވާލު އުފެދޭ ފަދަ ކަމެއް އޮތް ނަމަ، އެ ތަކެއްޗެއް ހިފަހައްޓާ ފަރާތާއި އެ ޗެއިންގައި ހިމެނޭ އެންމެހައި ފަރާތްތައް ޝަރީއަތަށް ހާޒިރުކޮށް ނުވަތަ ޗެއިން މެދުކެނޑިފައި ނުވަތަ ސުވާލު އުފެދިފައިވާ ހާލަތުގައި ސުވާލު އުފެދޭ ކަމަކާ ގުޅިގެން ޝަރީއަތަށް ހާޒިރުކުރަން ފަނޑިޔާރުން ނިންމާ ހެކިންގެ ހެކިބަހުން ތަހުލީލު ކުރެވިފައިވާ ތަކެއްޗަކީ މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރު ކުރެވޭ ނަމަ އެފަދަ ހާލަތުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ވެފައިވާ ކަމަށް ބަލަންވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު މިއަދު "ވަން" އަށް ވިދާޅުވީ، ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅުމާ ގުޅިގެން، ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާ މައްސަލަތަކުގައި އެކަން ފުރިހަމަކުރަން ފަނޑީޔާރުންނަށް ދެން ހެކިން ހާޒިރުކުރަންޖެހޭނެ ކަމަށެވެ.

"ކުރީގަ އުސޫލެއްގެ ގޮތުން އެގޮތަށް އަމަލު ކުރާކަށް ނޯވޭ. ނަމަވެސް ބައެއް ފަނޑިޔާރުން އެގޮތަށް ހެކިން ހާޒިރުކޮށްފައި އެބަހުރި. ނަމަވެސް ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅުމުން އެފަދަ ކޮންމެ ހާލަތެއްގައިވެސް ދެން ހެކިން ހާޒިރުކުރަންޖެހޭނެ،" ޝަފީއު ވިދާޅުވިއެވެ.