އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީއާއި ޗެލްސީ ވެސް މޮޅުވެއްޖެއެވެ.
ޕްރިމިއާ ލީގުގެ މި ހަފުތާގެ ކުޅުން މިރޭ ފަށާފައިވާ އިރު، ޗެލްސީން އަމިއްލަ ދަނޑުގައި ވުލްވްސް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ސިޓީން އަމިއްލަ ދަނޑުގައި ސައުތުހެމްޓަން ކޮޅަށް ހަތަރު ގޯލު ޖަހައި މެޗު ކާމިޔާބުކުރި އިރު، މިރޭވެސް އެޓީމުގެ ނޯވޭ ފޯވަޑް އާލިން ހާލަންޑް ވަނީ ގޯލު ޖަހައިފައެވެ. މިސީޒަނުގައި ހާލަންޑް މިހާތަނަށް ސިޓީއަށް ކުޅުނު 13 މެޗުން 20 ގޯލު ހަމަކޮށްފައިވުމަކީ ވެސް އާދަޔާ ހިލާފު އަދަދުތަކެކެވެ.
މިހާތަނަށް ޕްރިމިއާ ލީގުގައި ހާލަންޑް ކުޅުނު ނުވަ މެޗުން 15 ގޯލު ހަމަކޮށްފައިވާ އިރު، ޕްރިމިއާ ލީގުގެ ތާރީހުގައި އެއް ސީޒަނެއްގައި އެންމެ ގިނައިން ގޯލު ޖެހުމުގެ ރެކޯޑު އޮތީ މުހައްމަދު ސަލާހު އަތުގައެވެ. އެއީ 2017-18 ވަނަ އަހަރުގެ ސީޒަނުގައި 32 ގޯލު ޖަހައިގެން އޭނާ ހެދި ރެކޯޑެކެވެ. ނުވަ މެޗުން ހާލަންޑް 15 ލީގު ގޯލު ހަމަކޮށްފައިވުމުން އެ ރެކޯޑު މުގުރާލުމުގެ ފުރުސަތު ބޮޑެވެ.
ސިޓީން ކޮންޓްރޯލުގައި މިރޭ ކުޅުނު މެޗު 4-0 އިން ކާމިޔާބުކުރި އިރު، ހާލަންޑްގެ އިތުރުން ދެން ގޯލުތައް ޖަހައިދިނީ ޖާއޯ ކާންސެލޯއާއި ފިލް ފޮޑެންގެ އިތުރުން ރިޔާދު މަހަރޭޒެވެ. އެ ހުރިހާ ގޯލުތަކަކަށް ފުރުސަތު ތަނަވަސްކުރުމުގައިވެސް ކެވިން ޑިބްރޭނާގެ ދައުރު ފެނުނީ ބޮޑު ކޮށެވެ. އޭގެ އިތުރުން ކާންސެލޯވެސް މެޗުގައި ދެ އެސިސްޓް ހެދިއެވެ.
މިރޭގެ މެޗުން މޮޅުވެ ސިޓީ ވަނީ އެއްވަނައަށް ޖެހިލައިފައެވެ. ސިޓީން ނުވަ މެޗުން 23 ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް އާސެނަލަށް އަށް މެޗުން ވަނީ 21 ޕޮއިންޓް ލިބިފައެވެ. މާދަމާ ރޭ އާސެނަލުން ލިވަޕޫލާ ދެކޮޅަށް ނުކުންނަ މެޗު ކާމިޔާބުކޮށް، އަނެއްކާވެސް އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
ޗެލްސީން މިރޭ ކުޅުނު މެޗަށް ނުކުތީ މިދިޔަ ހަފުތާ، ޗެމްޕިއަންސް ލީގުގައި އޭސީ މިލާނަށް ދެކޮޅަށް ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިންނަށް ރެސްޓް ދީގެންނެވެ. އެއީ މި ހަފުތާގައިވެސް ޗެމްޕިއަންސް ލީގުގެ މެޗެއް އޮތުމުންނެވެ. ޗެލްސީގެ ކުރިއަށް ކުޅޭ ޕިއޭ އެމްރިކް އަބަމަޔާނާއި ރަހީމް ސްޓާލިންގެ އިތުރުން ފަހަތަށް ކުޅޭ ރީސް ޖޭމްސްއާއި ބެން ޗިލްވެލްއަށްވެސް ކޯޗު ގްރަހަމް ޕޮޓާ ވަނީ ރެސްޓް ދީފައެވެ.
އޭގެ އިތުރުން މެދުތެރެއިންވެސް މަޓެއޯ ކޮވަސިޗްގެ ބަދަލުގައި ޖޯޖީނިއޯ ކުޅެން ނުކުތް އިރު، ކައި ހަވާޓްސްއާއި ކްރިސްޓިއަން ޕުލިސިޗް، އަދި ކޯނޯ ގަލެގާއާއި މާކް ކުކުރެއާ މިރޭގެ މެޗުގެ ފުރަތަމަ 11 އަށް ނުކުމެފައިވެއެވެ.
ފުރަތަމަ ކޮޅުން ފެށިގެންވެސް ހަމަލާތައް އުފައްދަމުން ދިޔަ ޗެލްސީން ލީޑު ނެގީ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ޗެލްސީގެ ގޯލު ޖަހައިދިނީ ހަވާޓްސްއެވެ. އެ ގޯލާއެކު ހަމަޖެހުމަކަށް ދިޔަ ޗެލްސީން ދެވަނަ ހާފަށް ނުކުމެ ހަތް ވަރަކަށް މިނެޓް ތެރޭގައި ޕުލިސިޗް ޖެހި ގޯލުން މެޗުގެ ލީޑު ފުޅާކުރިއެވެ.
ޗެލްސީގެ ތިންވަނަ ގޯލު މެޗު ނިމެން ދަނިކޮށް ޖަހައިދިނީ ބަދަލަކަށް ނުކުތް އަރްމާންޑް ބްރޯހާއެވެ.
މެޗުން މޮޅުވެ ޗެލްސީ ވަނީ ގަދަ ހަތަރަކަށް ވަދެފައެވެ. ލީގު ތާވަލުގެ ތިންވަނަގައި ޓޮޓެންހަމް އޮތީ އަށް މެޗުން 17 ޕޮއިންޓާ އެކުގައެވެ. މިރޭގެ މެޗުން މޮޅުވެ ޗެލްސީއަށް އަށް މެޗުން 16 ޕޮއިންޓް ލިބުމުން، އެޓީމު ވަނީ ހަތަރު ވަނައަށް ޖެހިލައިފައެވެ. މިވަގުތު ފަސްވަނައިގައި އޮތް ނިއުކާސަލް ނުވަ މެޗުން 14 ޕޮއިންޓް ހޯދި އިރު، އެޓީމުން މިރޭ ވަނީ 5-1 އިން ބްރެންޓްފޯޑު ބަލިކޮށްފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު