މޯލްޑިވްސް ނެޝަނަލް ޕާޓީގެ އާ އޮފީސް ހުޅުވައި އެތަނުގެ މަސައްކަތްތައް ފެށުމުގެ ގޮތުން ޕާޓީގެ މެމްބަރުން ކީރިތި ގުރުއާން ހަތިމުކޮށްފިއެވެ.

މިއަދު ހެނދުނު ކުރިއަށްގެންދިޔަ މިހަރަކާތުގައި އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި އެޕާޓީގެ ނައިބު ރައީސުން ކަމަށްވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމްގެ އިތުރުން އެ ޕާޓީގެ އެހެން ބައެއް ވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްއެންޕީގެ އާ އޮފީސް ހުޅުވާފައިވަނީ ކާމިނީ މަގާއި މަޖީދީމަގު ގުޅޭ ކަންމައްޗަށްވާ ގޮތަށް ހުންނަ އިމާރާތުގައެވެ.

އެމްއެންޕީން ބުނީ ޕާޓީގެ އާ އޮފީސް ހުޅުވުމުގެ ހަރަކާތުގައި ގާތްގަނޑަކަށް 50 މެމްބަރުން ބައިވެރިވިއެވެ. އަދި ގުރުއާން ހަތިމްކުރުމަށް 30 މެމްބަރުން ބައިވެރިވި އިރު، ހަތިމް ކުރީ ކޮންމެ މެމްބަރަކު ގުރުއާނުން އެއް ފޮތް ކިޔަވައިގެން ކަމަށެވެ.

ބައެއް މަސައްކަތް ފެށުމުގެ ގޮތުންނާއި ބައެއް އިމާރާތްތަކުގައި ދިރިއުޅެން ފެށުމުގެ ކުރިން ގުރުއާން ހަތިމް ކުރުމަކީ ރާއްޖޭގައި ކުރީއްސުރެވެސް ގެންގުޅެމުން އަންނަ އާދައެކެވެ.