ހެރިކޭން ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެމެރިކާގެ ޕުރޮރިޑާއަށް އެލޮން މާސްކްގެ ސްޕޭސްއެކްސް އިން ސުޓާލިންކް އިންޓަނެޓް ފޯރުކޮށްދޭން ފަށައިފިއެވެ.

މި ގޮތުން 120 ސުޓާލިންކް ކިޓް އެލަން މަސްކް ހަދިޔާ ކޮށްފައިވާ ކަމަށް ފްލޮރިޑާގެ ގަވަރުނަރު ވަނީ އިއުލާން ކުރައްވައިފައެވެ. މި އާ ޓެކްނޮލޮޖީގެ ސަބަބުން ފްލޮރިޑާގެ ރައްޔިތުންނަށް އެމީހުންގެ ލޯބިވާ މީހުންނާ ރަނގަޅަށް ގުޅޭނެ،" އިންޓަނެޓް ފޯރުކޮށްދިނުމަށް ސެޓެލައިޓް ޑިޝް ބޭނުންކުރާ ސްޕޭސްއެކްސްގެ ސްޓާލިންކް ބްރޯޑްބޭންޑް ހިދުމަތަށް އިޝާރާތް ކުރައްވައި ގަވަރުނަރު ރޮން ޑިސަންޓިސް ވިދާޅުވެފައިވެ އެވެ.

މި މަސައްކަތުގެ ސަބަބުން ތޫފާނުގައި ވަކިން ބޮޑަށް ގެއްލުން ލިބިފައިވާ ސަރަހައްދެއް ކަމަށްވާ ސައުތުވެސްޓް ފްލޮރިޑާއަށް 100 އަށްވުރެ ގިނަ ސްޓާލިންކް އިންޓަނެޓް ކިޓް ފޮނުވާނެއެވެ. މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ނިޔަލަށް ފުލޮރިޑާގެ 8 ލައްކަ އަށްވުރެ ގިނަ މީހުން ތިބީ ކަރަންޓް ނެތި ކަމަށް ނިއުޔޯކް ޓައިމްސް އިން ބުނެފައިވެއެވެ.

ސްޓާލިންކް ސެޓެލައިޓްތައް ޕޮޒިޝަން ކުރަނީ ހުޅަނގު ދެކުނު ފްލޮރިޑާ އާއި ގެއްލުން ލިބިފައިވާ އެހެނިހެން ސަރަހައްދުތަކުގައި ރަނގަޅު ކަވަރޭޖެއް ފޯރުކޮށްދިނުމަށް ކަމަށާއި ހުޅަނގު ދެކުނު ފްލޮރިޑާއަށް އިތުރު 120 ބޮޑެތި ސްޓާލިންކް ޔުނިޓް ފޮނުވައިދޭނެ ކަމަށް ލަފާކުރައްވާ ކަމަށްވެސް ގަވަރުނަރު ވިދާޅުވެފައިވެއެވެ.

މިއީ ސްޕޭސްއެކްސް އިން ތޫފާން ތަކާއި އެކިއެކި ހާދިސާތަކުގައި އިންޓަނެޓް ފޯރުކޮށްދޭ ފުރަތަމަ ފަހަރެއް ނޫނެވެ. ހަނގުރާމައިގެ ސަބަބުން ގެއްލުން ލިބިފައިވާ ޔޫކްރޭނަށް މިއަހަރުގެ ކުރީކޮޅުއްސުރެ ސުޓާލިންކް އިންޓަނެޓް ފޯރުކޮށްދެމުން އަންނަ އިރު ރަޝިޔާގެ ހަނގުރާމައާއި ގުޅިގެން އެތައް ހާސް ސްޓާލިންކް ސެޓެލައިޓް ކިޓްތަކެއް ވަނީ ޔޫކުރޭނަށްވެސް ހަދިޔާ ކޮށްފައެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި ރަޝިޔާގެ ޕްރޮޕެގެންޑާ ފެތުރުން ހުއްޓުވުމަށް އިންޓަނެޓްގެ ހިދުމަތް އަލުން ގާއިމް ކުރުމަށް އެހީތެރިވެދެއްވި ކަމަށްޓަކައި އެލޮން މާސްކް އަށް ތައުރީފު ކުރައްވާފަ އެވެ.