އެޕަލްއިން އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސް މަރާމާތުކުރުމަށް ބޭނުންވާ ސާމާނު އެ ކުންފުނީގެ ސެލްފް ސާވިސް ރިޕެއާ ސްޓޯރު މެދުވެރިކޮށް ވިއްކަން ފަށައިފިއެވެ. ނައިންޓުފައިވްމެކްއިން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފޯނުތަކުގެ އިތުރުން އެމް5 މެކްސް އަދި އެމް5 އަލްޓްރާ ޗިޕް ހިމެނޭ މެކް ސްޓޫޑިއޯއާއި، އެމް6 އަދި އެމް5 ޕްރޯ މެކް މިނީ މޮޑެލްތަކުގެ ޕާޓްސް ވެސް މިހާރު ގަންނާން ލިބެއެވެ.

މީގެ ކުރިން ސެޕްޓެންބަރު 22 ގައި އެޕަލް ސަޕޯޓުން ވަނީ އައިފޯން 18 ޕްރޯ މަރާމާތުކުރާނެ ގޮތުގެ ރަސްމީ އަތްމަތީ ފޮތް ވެސް އާންމުކޮށްފައެވެ.

މި ފުރުސަތުގެ ދަށުން އައިފޯން 18 ޕްރޯ ސީރީޒް ބޭނުންކުރާ ފަރާތްތަކަށް ފޯނުގެ ޑިސްޕްލޭ، ބެޓެރީ، ކެމެރާ، ފްރަންޓް ކެމެރާ، ފަހަތު ބިއްލޫރިގަނޑު، ލޮޖިކް ބޯޑު، ބޮޓަމް ސްޕީކަރު، މެއިން މައިކްރޯފޯން، ސިމް ޓްރޭ، ޓެޕްޓިކް އިންޖީން އަދި އެންކްލޯޒާ ފަދަ ބައިތަކާއި މަރާމާތުކުރާ އާލާތްތައް ގަނެގެން އަމިއްލައަށް ބަދަލުކުރެވޭނެއެވެ. ބިގްގޯ ފައިނޭންސުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އައިފޯން 18 ޕްރޯގައި އަލަށް ވޭރިއަބަލް އެޕާޗާ ނިޒާމެއް ހިމަނާފައިވީ ނަމަވެސް، ކެމެރާ މޮޑިއުލްގެ އަގު ވަނީ ކުރީގެ މޮޑެލްތަކެކޭ އެއްފަދައިން 249 ޑޮލަރުގައި ހިފަހައްޓާފައެވެ. ނަމަވެސް ކެމެރާ މޮޑިއުލް ފިޔަވައި އެހެން ވަކިވަކި ޕާޓްސްތަކުގެ ރަސްމީ އަގުތައް އަދި ކަށަވަރުވެފައެއް ނުވެއެވެ.

ސެލްފް ސާވިސް ރިޕެއާ ޕްރޮގްރާމަކީ އިލެކްޓްރޯނިކް އާލާތްތައް މަރާމާތުކުރުމުގެ މައުލޫމާތާއި ތަޖުރިބާ ހުރި ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އެޕަލް ސަޕޯޓުގެ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވެއެވެ.

އެ ކުންފުނީގެ އަސްލު ޕާޓްސްތަކަކީ ރައްކާތެރިކަމާއި، ސެކިއުރިޓީ އަދި މަސައްކަތްކުރުމުގެ ފެންވަރު ހިފެހެއްޓުމަށް ފަރުމާކޮށް ޓެސްޓުކޮށްފައިވާ އާ ސާމާނު ކަމަށް ވެސް އެ ލިޔެކިޔުންތަކުގައި ލިޔެފައިވެއެވެ. އަދި އެހެން ފަރާތްތަކުން އުފައްދާ ޕާޓްސްތަކުން އެޕަލްގެ އަސްލު ސާމާނާ އެއް ފެންވަރެއްގައި މަސައްކަތް ނުކުރުމުގެ އިތުރުން، ޕްރައިވެސީއާއި ރައްކާތެރިކަމުގެ މައްސަލަތައް ކުރިމަތިވެދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.