އިންގްލެންޑްގެ މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާގެ ފަލަމަސްގަނޑަށް އަނިޔާވެ ސާޖަރީއެއް ކޮށްފިއެވެ.
ވޯކާގެ ފަލަމަސްގަނޑުގެ ފަހަތަށް (ގްރޮއިން) އަނިޔާވެފައި ވަނީ ސިޓީން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ޑާބީގައެވެ. މިދިޔަ ހަފުތާގައި ކުޅުނު މެންޗެސްޓާ ޑާބީގެ ފުރަތަމަ ހާފުގައި ވޯކާއަށް އަނިޔާވެ ބަދަލުކުރަން ޖެހިފައިވެއެވެ. އެ މެޗުގައި އޭނާގެ ބަދަލުގައި ކުޅެން ނުކުމެފައި ވަނީ ސާޖިއޯ ގޮމޭސްއެވެ. ސިޓީން އޭގެ ފަހުން، ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ ވޯކާގެ އަނިޔާ ސީރިއަސް ކަމަށާއި އެނބުރި އާދެވޭނެ މުއްދަތު ބުނަން އުނދަގޫ ކަމަށެވެ. އަދި ވޯލްޑް ކަޕަށްވެސް ވޯކާ ފިޓްވާނެ ކަމުގެ ޔަގީންކަމެއް ދެވެން ނެތް ކަމަށެވެ.
ވޯކާގެ އޮޕަރޭޝަން އަންގާރަ ދުވަހު ކޮށްފައިވާ އިރު، އޭނާގެ ޓްވިޓާގައި ބުނެފައި ވަނީ އަނިޔާއާ ކުރިމަތިލާން ޖެހުމަކީ ކުޅުންތެރިންގެ ހަޔާތުގެ ބައެއް ކަމަށާއި ސާޖަރީއަށްފަހު މިހާރު މަސައްކަތް ކުރަމުންދަނީ ރިކަވަރީގެ މަސައްކަތަށް ކަމަށެވެ. ވޯކާގެ މެސެޖުގައި އިތުރަށް ބުނެފައި ވަނީ ޓީމުގެ ކުޅުންތެރިންނަށް ވެވުނު ހުރިހާ ގޮތަކުންވެސް އެހީތެރިވެދޭން ތައްޔާރު ކަމަށާއި ރިހެބާއެކު ފުލް ފިޓްނެސްއަށް އެނބުރި އަންނަން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ.
ވޯކާއަކީ ސިޓީގެ އިތުރުން އިންގްލެންޑް ގައުމީ ޓީމަށްވެސް އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. ގަތަރު ވޯލްޑް ކަޕަށް ދެ މަހަށްވުރެ ކުރު މުއްދަތެއް ދެން އޮތް އިރު، ވޯކާއަށް އަނިޔާވުމަކީ އިންގްލެންޑް ކޯޗު ގެރެތު ސައުތުގޭޓް މާޔޫސްވާނެ ކަމަކަށް ވާނެއެވެ. އިންގްލެންޑުން 2018 ވަނަ އަހަރު ވޯލްޑް ކަޕް ސެމީ ފައިނަލަށް ދިޔުމުގެ އިތުރުން މިދިޔަ އަހަރު ޔޫރޯ ފައިނަލްގައި ކުޅުނުއިރުވެސް ވޯކާއަކީ ޓީމަށް އެންމެ މުހިއްމު އެއް ޑިފެންޑަރެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ