ސައުދީ އަރަބިއްޔާގައި ކުރިއަށްދާ އޭއެފްސީ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިިފިކޭޝަންގައި ރާއްޖޭން ކުޅުނު ތިން މެޗުގައި ސައުދީ އަރަބިއްޔާ ކައިރިންވެސް ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.
ސައުދީގެ ދަންމާމުގެ ޕްރިންސް ސައުދު ބިން ޖަލާވީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ 9-0ގެ ނަތީޖާއަކުންނެވެ. ރޭގެ ބައްޔަކީ ކޮލިފިކޭޝަނަށް ރާއްޖޭން ކުރިމަތިލާން ޖެހުނު ތިންވަނަ ބައްޔެވެ. އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ޑީގައި ރާއްޖޭގެ ޒުވާން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ކުވެއިތު އަތުން ބަލިވީ 6-0ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުގައި އިންޑިއާ އަތުން ބަލިވީ 5-0ގެ ނަތީޖާއަކުންނެވެ.
ރާއްޖެ ހިމެނޭ ގްރޫޕް ޑީގައި ރޭ އިންޑިއާއިން ވަނީ 3-0 އިން ކުވައިތު ކައިރިން މުހިއްމު މޮޅެއް ހޯދައިފައެވެ.
ރޭގެ މެޗުގައި ރާއްޖެ ކޮޅަށް ސައުދީގެ ގޯލުތައް ޖެހީ ފޯވާޑް ރާމިޒު ސައީދު އަލާތާރުގެ އިތުރުން ނަވާފު ބަދީރު އަލްޖަނާހީ، ތޮލާލް އަބޫބަކުރު ހާޖީ، ޖަތުހޫބް މިސްލަބް، ޒިޔާދު ސާބިރު އަދި ފާރިސް ޔޫސުފް ސާލިމެވެ. އޭގެ ތެރެއިން ރާމިޒު ހެޓްރިކް ހެދި އިރު، ނަވާފު ވަނީ ދެ ގޯލު ޖަހައިފައެވެ.
ރާއްޖޭގެ ޒުވާން ޓީމުތަކުން ފަހަކަށް އައިސް ގިނަ މެޗުތަކެއް ކުޅެމުންދާ ނަމަވެސް، އެ ޓީމުތަކަށް އަދި ނަތީޖާ ނެރެވިފައެއް ނުވެއެވެ. އެންމެ ބޮޑު މައްސަލައަކަށް ގިނަ ކޯޗުން ފާހަގަކޮށްފައި ވަނީ ތަމްރީނުތަކަށް ފުރުސަތު ކުޑަވުމެވެ. މިފަހަރު ޓީމު ސައުދީއަށް ފުރުމުގެ ކުރިން ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) ނޫސްތަކަށް ބުނީ ތަމްރީނު ކޭމްޕެއް ނުލިބުމުގެ މާޔޫސްކަަން އެބަ އޮތް ކަމަށާއި މެޗުތަކުގެ ތަޖުރިބާ ޓީމަށް ލިބެންޖެހޭ ކަމަށެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު