ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ މައްސަލަތައް ބަލާ މަރުހަލާތަކުގެ މުއްދަތުތައް އިތުރުކުރަން ރައްްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
އެ ކޮމިޓީން އިއްޔެ އެގޮތަށް ފާސްކުރީ ޖުޑީޝަލް ސާވިސްގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގެ ދިރާސާ ނިންމައި އެ ބިލުގައި ހިމަނައިގެންނެވެ.
ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ، އެ ބިލު ހުށަހެޅީ ޖޭއެސްސީގެ ގާނޫނުގެ ދަށުން އެ ކޮމިޝަނުން ބެލުމަށް ނިންމާ މައްސަލަތަކުގައި އަމަލުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ބައެއް އިޖުރާއަތުތަކަށް ބަދަލު ގެނައުމަށް ކަމަށެވެ.
އެކަމަށްޓަކައި ގާނޫނަށް ފަސް އިސްލާހެއް ހުށަހަޅަން ބިލުގައި ހިމަނާފައިވެއެވެ. އެއީ އެ ގާނޫނުގެ 22 ވަނަ މާއްދާއާއި 25 ވަނަ މާއްދާއާއި 30 ވަނަ މާއްދާއާއި 32 ވަނަ މާއްދާއަށެވެ. ނަމަވެސް ބިލަށް ބަދަލު ގެނެސް އެ ގާނޫނުގެ 29 ވަނަ މާއްދާއަށް އަކުރުތަކެއް އިތުރުކުރަން ކޮމިޓީން ވަނީ ބިލުގައި ހިމަނައިފައެވެ.
އެ ގާނޫނުގެ 22 ވަނަ މާއްދާގެ (ޅ) ގައި ބުނަނީ، ޖޭއެސްސީއަށް ހުށަހެޅޭ މައްސަލައެއް ބެލުމާމެދު ގޮތް ނިންމައި ކޮމިޓީން ނިންމާ ނިންމުން އެ މައްސަލައެއް ހުށަހެޅޭ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ނިންމައި، ކޮމިޝަނަށް ފޮނުވަންވާނެ ކަމަށެވެ. އެ މުއްދަތު 14 ދުވަހަށް އިތުރު ކުރުމަށް އިސްލާހުގައި ވަނީ ހުށަހަޅައިފައެވެ.
ގާނޫނުގެ 25 ވަނަ މާއްދާގެ (ވ) ގައި ބުނެފައިވަނީ މައްސަލައިގެ ތަހުގީގު ރިޕޯޓް ކޮމިޝަނަށް ލިބޭތާ ފަސް ދުވަހުގެ ތެރޭގައި އެ ރިޕޯޓާ ގުޅޭ ގޮތުން ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި އެ މައްސަލަ ނިންމުމުގައި ކޮމިޓީން ރިއާޔަތް ކޮށްދިނުން އެދޭ ކަންކަން ބަޔާންކޮށް ތަހުގީގު ކޮމިޓީއަށް ލިޔުމުން ހުށަހެޅުމުގެ އިހުތިޔާރު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.
އެ މުއްދަތު ހަތް ދުވަހަށް ބަދަލު ކުރުމަށާއި އަދި ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން މުޅި މައްސަލައާމެދު ވާހަކަދެއްކުމަށް ފަސް ދުވަހުގެ ތެރޭގައި އަޑުއެހުމެއް ބާއްވާނެ ކަމަށް އެ މާއްދާގެ (މ) ގައި ބުނެފައި އޮތް މުއްދަތުވެސް ހަތް ދުވަހަށް އިތުރުކުރަން ބިލުގައި ވަނީ ހިމަނައިފައެވެ.
ކޮމިޓީގެ ތަހުގީގީ ރިޕޯޓަށް ޖަވާބު ދޭން ދީފައިވާ ހަތް ދުވަހުގެ މުއްދަތުގައި މައްސަލަ ރައްދުވާ ފަނޑިޔާރުގެ ބާރުގެ ދަށުގައިވާ ކަމަކާ ނުލައި ޖަވާބު ނުދެވިއްޖެ ނަމަ އިތުރު މުހުލަތަކަށް އެދި ޖޭއެސްސީއަށް ހުށަހެޅުމުގެ ފުރުސަތު ދޭންޖެހޭ ގޮތަށް ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅައިފައެވެ.
އޭގެ އިތުރުން ފަނޑިޔާރުންނާ މެދު އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައިވާ އެ ގާނޫނުގެ 32 ވަނަ މާއްދާގައި ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކުރަން އަންގަން ޖެހޭނެ ކަމަށް އޮތް ބައި، ތަހުގީގު ކުރި މައްސަލައިގެ ބާވަތަށް ބަލައި އިތުރު ތަމްރީނު ބޭނުންވާ ކަމަށް ކޮމިޝަނަށް ފެންނަ ހާލަތްތަކުގައި ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކުރަން އަންގަން ޖެހޭނެ ކަމަށް ހިމެނުމަށްވެސް އިސްލާހުގައިވެއެވެ.
މި ބިލުގެ 29 ވަނަ މާއްދާއަށް ކޮމިޓީން އިތުރުކޮށްފައިވާ އަކުރުތަކުގައި ވަނީ، ޖޭއެސްސީގެ ތަހުގީގު ކޮމިޓީން އެކުލަވާލާ ރިޕޯޓް ކޮމިޝަނަށް ހުށަހެޅުމާއެކު މައްސަލަ ރައްދުވާ ފަނޑިޔާރަށް ފޮނުވަންވާނެ ކަމަށެވެ. އަދި އެ ރިޕޯޓާމެދު ކޮމިޝަނުން ގޮތެއް ނިންމަންވާނީ، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވާން މައްސަލަ ރައްދުވާ ފަނޑިޔާރަށް ފުރުސަތު ދިނުމަށްފަހުގައި ކަމަށް ބުނެފައިވެއެވެ.
މި ބިލު ކޮމިޓީން ފާސްކޮށް، މި ބިލާމެދު މަޖިލީހުން ގޮތެއް ނިންމުމަށް ބިލު މިހާރު ވަނީ މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު