ޚަބަރު

ކައުންސިލްތަކާއި ޑަބްލިޔުޑީސީތަކުގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން ނަޝީދު ދެކޮޅު

އިބްރާހިމް ޒަކީ

ލޯކަލް ކައުންސިލްތަކުގެ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަންޖެހޭ ގޮތް ހެދުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދުނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް އެކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި އެ ބިލުގެ ބަހުސްގައި ބައެއް މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެ ބިލުގައި ހުށަހަޅާފައި ވަނީ، އެ އިންތިހާބުތައް ބާއްވާނީ އެއިން ކައުންސިލެއްގެ ނުވަތަ ކޮމިޓީއެއްގެ ގޮނޑި ހުސްވިކަން އަންގާތާ ގިނަވެގެން 365 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމުގައާއި ނަމަވެސް ކައުންސިލުގެ ނުވަތަ ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ.

ގާނޫނުގައި މިހާރު އޮންނަނީ ކައުންސިލް އަދި ޑަބްލިޔުޑީސީން ހުސްވާ ގޮނޑިއަށް މީހަކު އިންތިހާބު ކުރުމަށް ބާއްވަންޖެހޭ ބައި-އިލެކްޝަންތައް 60 ދުވަހުގެ ތެރޭގައި ބާއްވަންވާނެ ކަމަށެވެ.

ގާނޫނަށް މި އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައި ވަނީ އަވަސް އަވަހަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހުމުން އެކަމަށް ކުރަންޖެހޭ ހަރަދު ބޮޑުވެ، ދައުލަތުގެ ހަރަދު ބޮޑުވަމުންދާތީއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ، މިދިޔަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ 11 ބައި-އިލެކްޝަން އަދި މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 20 ބައި-އިލެކްޝަން ބާއްވާފައިވާ ކަމަށެވެ. އަދި އިންތިހާބުތަކަށް އީސީއަށް 1.5 މިލިއަން ރުފިޔާގެ ބަޖެޓެށް ކަނޑައަޅާފައިވާއިރު، އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވައިގެން މި އަހަރު މިހާތަނަށް 1.4 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށްްވެސް ބުނެފައިވެއެވެ.

ހުށަހެޅި އިސްލާހާ ގުޅިގެން މަޖިލިސް ރައީސް މިއަދު ވިދާޅުވީ، ޑަބްލިޔުޑީސީ އިންތިހާބަކަށް ހަރަދުކުރަނީ އެއް ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ ކަމަށާއި އެއީ ގާތްގަނޑަކަށް މަޖިލީހުގެ ސައިގެ ހަރަދު ކަމަށެވެ. އަދި އިންތިހާބަކީ ޑިމޮކްރެޓިކް ހަރަކާތެއް ކަމަށާއި އެ ހަރަކާތް ގިނައިން ހިންގި ވަރަކަށް ޑިމޮކްރަސީއަށް ރައްޔިތުން އަހުލުވެރިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ އިންތިހާބުތަކުގެ ސަބަބުން ސިޔާސީ ޕާޓީތަކަށް މަގުބޫލުކުރަން ހުރި ނެތް މިންވަރުވެސް ދޭތެރެ ދޭތެރެއިން ސާފުވެގެންދާ ކަމަށެވެ.

"އެހެން ނޫނިއްޔާ ދެން އޮތްހާވެސް ގޮތަކީ ތިމަންނާއަކީ އެންމެ ރުހޭ މީހާއޭ އަމިއްލައަށް ވިދާޅުވަމުން އަޅުގަނޑުމެން ކޮންމެ މީހަކު ހިނގަމުން ދިއުން، އިންތިހާބެއް ނިންމާލީމާ އެބަ އެނގޭ ތިމަންނާގެ އޮތީ 40 ޕަސެންޓުކަން ނުވަތަ 30 ޕަސެންޓުކަން،" ނަޝީދު ވިދާޅުވިއެވެ.

އިންތިހާބުތައް ބާއްވާ މިންވަރު މަދުކުރަން މަސައްކަތްކުރަނީ ކެމްޕެއިންކުރަން ދަތިވާތީ ކަމަށާއި އެކަމާމެދު މެންބަރުން ވިސްނަންޖެހޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.