އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ މައްސަލައިގެ ހެކިބަސް ނަގައި ނިމިފައިވަނިކޮށް، ދައުލަތުން އާ ހެކިތަކެއް ހުށަހަޅައިފި އެވެ.

އެ މައްސަލައިގެ ހެކިބަސް ނަގައި ނިންމާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މިއަދަށް ތާވަލު ކުރީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީނުގެ ވަކީލު ވިދާޅުވީ، ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ދިފާއަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ. އެއީ ހެކިންގެ ބަޔާންތައް ހޯދައި، އެ ބަޔާންތައް ދިރާސާ ކުރުމަށެވެ. ޔޫސުފް ނައީމްގެ ވަކީލުވެސް ވަނީ ހެކިންގެ ހެކިބަހުގެ ބަޔާންތައް ދިރާސާ ކުރެއްވުމަށް ވަގުތު ބޭނުންވާކަމަށް ވިދާޅުވެފައެވެ.

މިއަދުގެ އަޑުއެހުމަށް ދައުލަތުންވެސް ލިޔުންތަކެއް ހުށަހެޅިއެވެ. ދައުލަތުން ބުނެފައި ވަނީ މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެކިންގެ މައުލޫމާތު ހާމަކޮށްފައި ނުވާ ކަމަށާއި އެހެންކަމުން ނޭނގި ހުރި ބައެއް މައުލޫމާތުތައް އެނގުނީ ހެކިބަސް ނަގަމުން ދިޔަ މަރުހަލާގައި ކަމަށެވެ. އަލަށް ހުށަހަޅާފައިވާ ލިޔުންތަކަކީ އެމީހުން "ކްރެޑިބިލިޓީ" އާއި އެ މީހުން ދައްކާފައިވާ ވާހަކަތަކުގެ ތެދު ދޮގު ބެލުމަށް ހުށަހަޅާފައިވާ ލިޔުންތަކެއް ބުންޏެވެ.

އޭގެ ތެރޭގައި އިކޮނޮމިކް ޔޫތު ކައުންސިލު (އީވައިސީ)ގެ ޔައުމިއްޔާތަކަކާއި ޔާމީންގެ ދިފާއީ ހެއްކެއް ކަމަށްވާ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހާޒިރީ ޝީޓްތަކެއް ހިމެނެ އެވެ.

ދައުލަތުން އާ ހެކިތަކެއް ހުށަހެޅުމުން ދިފާއުން ވަނީ އެ ހެކިތައް ބަލައިނުގަތުމަށް އެދިފައެވެ. އެގޮތުން، އެއީ ކުރިންވެސް ހޯދޭނެ ލިޔުންތަކެއްކަމާއި ހެކި ހުށަހެޅުމުގެ މަރުހަލާ ފަހަނަ އަޅައި ގޮސްފައިވާކަން ދިފާއުން ފާހަގަކުރިއެވެ.

ދައުލަތާއި ދިފާއުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރައްވައި އިސްގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ލިޔުންތަކާމެދު ގޮތެއް ނިންމުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނެ ކަމަށެވެ. މި މައްސަލައިގައި އަޑުއެހުމެއް ދެން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.