ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދަށުން މާލޭގައި ދޭން ފަށާފައިވާ މިނީ ބަހުގެ ހިދުމަތަށް ބަސް މަޑުކުރާ ބަސް ސްޓޮޕްތައް ހިޔާކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ހިދުމަތް ފޯރުކޮށްދެމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ރޭ ވިދާޅުވީ، ބަސް ސްޓޮޕްތައް ހިޔާކުރުމުގެ މަސައްކަތަކީ ވަރަށް ގިނަ ގޮންޖެހުން ދިމާވާ ކަމެއްކަމަށާއި ބަސް ސްޓޮޕްތައް ހިޔާ ކުރެވޭނީ ވަރަށް ކުޑަކޮށް ކަމަށެވެ. އާޒިމް ވިދާޅުވީ ބަސް ސްޓޮޕްތައް ހިޔާ ކުރުމަށް ބޭނުންވާ ފުރާޅު ތިލަފުށީގައި ހުންނަ އެމްޓީސީސީގެ ޑޮކްޔާޑުގައި ތައްޔާރުކުރަމުން އަންނަ ކަމަށެވެ.

"ބައެއް ތަންތަނުގަ ބަސް ސްޓޮޕް ހިޔާ ވަރަށް ދަތިކޮށް ހެދޭނީ. އެހެންނަމަވެސް އަޅުގަނޑުމެން ތިލަފުށީގެ ޑޮކްޔާޑުގަ އެއީ އެތަނުގެ އަޅުގަނޑުމެންގެ ހުރިހާ ފެބްރިކޭޝަން މަސައްކަތެއް ބިލްޑުކުރުމާއި މަސައްކަތް ހިނގާނީ. އެތަނުގަ މިހާރު އަޅުގަނޑުމެން އެ މަސައްކަތް ފަށައިފިން، އެ އެއްޗެހިތައް ހެދުމުގެ މަސައްކަތް އެކަން ކުރިޔަށް އެބަދޭ. ދެން އެކަން ކުރެވޭއިރު އެކިތަންތަނަށް ކަސްޓަމައިޒް ކުރެވޭކަށް ވެސް ނުހުރޭ. ހުރިހާ ތަނަކަށް އެކައްޗެއް ހެދޭކަށް ނުހުރޭ، މަގުތަކުގެ ޖާގަ އޮންނަ ގޮތުން އެކި ތަންތަނަށް އެކި އެއްޗެހި ހަދަން މިޖެހެނީ. އެހެންވީމާ އެވެސް ވަރަށް ބޮޑު ޗެލެންޖަކަށްޗމިވަނީ. އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް ބަސް ސްޓޮޕްތައް ހިޔާކޮށް ނިންމާލަން ކަމަށެވެ. ބަސް ސްޓޮޕްތައް އެއްކޮށް ހިޔާ ނުކުރެވުނަސް އެތަނުގައި ބަހުގެ ހިދުމަތް ހޯދުމަށް މަޑުކޮށްގެން ތިބޭ ރައްޔިތުން އަވިންނާއި ވާރެހިން ހިޔާވަހިކަން ލިބޭވަރު ކުރާނެކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭގައި މިނީ ބަސް ދަތުރުކުރަނީ އަމީނީ މަގު، މަޖީދީ މަގު، އޯކިޑު މަގު އަދި ސޯސަން މަގުންނެވެ. މި ހަތަރު މަގުގައި ދަތުރުކުރުމަށް ތިން ރޫޓެއް ކަނޑައަޅާފައިވާ އިރު، ޖުމުލަ 42 ބަސް ސްޓޮޕެއް ހުރެއެވެ. އާޒިމް ވިދާޅުވީ އެ ހުރިހާ ބަސް ސްޓޮޕްތަކެއް ހިޔާކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މިނީ ބަހުގެ ހިދުމަތް ފެށިއިރު ބަސް ސްޓޮޕްގައި ހަމައެކަނި ހުރީ ބަސް މަޑުކުރާ ލޭނާއި ބަސް ޕޮއިންޓްކަން އަންގައިދޭ ނިޝާނެވެ. އާޒިމް ވިދާޅުވީ އެ ހިދުމަތަކީ ވަރަށް ބޮޑެތި ދަތިތަކަކާއެކު ފެށި ހިދުމަތެއް ކަމަށާއި މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ދަތިތަައް ހައްލުކުރަން ކަމަށެވެ. އެގޮތުން ބަހުގެ ހިދުމަތައް ބައެއް މަގުތަކުގައި ޕާކު ކުރުން މަނާކޮށްފައިވާއިރު އެކަން އެގޮތަށް ކުރެއްވުމަށް ފުލުހުންގެ އެހީތެރިކަން ހޯދަމުން އަންނަކަމަށް އާޒިމް ވިދާޅުވިއެވެ. މަގުތަކުގައި ޕާކު ނުކުރޭނެކަމަށް ކަނޑައަޅާފައިވަނީ ޕާކިން ޖާގަ ދެއްކުމަށްފަހުކަމަށް އާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ ވަރަށް ބޮޑު ތާއިދެއް މިނީ ބަހުގެ ހިދުމަތަށް ލިބެމުން އަންނަ ކަމަށާއި އެގޮތަށް ތާއީދު ލިބެމުން އަންނަނަމަ ބަހުގެ ހިދުމަތް އިތުރުކުރަން ޖެހޭނެކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެހާބޮޑު ތާއީދެއް ލިބެމުން އަންނަނީ އެމްޓީސީސީ މުވައްޒަފުންނަށް ކަސްޓަމަރުންނަށް ހިދުމަތް ދޭނެ ގޮތުގެ ތަމްރީނު ކޮންމެ ދުވަހަކު ދެމުންދާތީކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކަސްޓަމާކެއާގެ ތަމްރީނު ދެނީ ހަމައެކަނި ބަހުގައި މަސައްކަތް ކުރާ މުވައްޒަފުންނަ ނޫން ކަމަށާއި ޓާމިނަލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ކޮންމެ ދުވަހަކު ތަމްރީނު ދެމުން ގެންދަވާކަމަށެވެ.