ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތައް ކުރިމިނަލް ކޯޓުން އަނބުރާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާލައިފިއެވެ.
އަލީ ވަހީދުގެ މައްޗަށް ޖިންސީ އަނިޔާކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާގެ އިތުރުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާއެއް ދައުލަތުން އުފުލާފައިވެއެވެ. އެ ހުރިހާ ދައުވާއަކަށް އޭނާ ވަނީ އިންކާރުކުރައްވައިފައެވެ. އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އަލީ ވަހީދުގެ މައްޗަށް މިދިޔަ އަހަރު ދައުވާކޮށްފައިވިޔަސް އެ މައްސަލަތުގެ ޝަރީއަތެއް މިހާތަނަށް ބާއްވާފައެއް ނުވެއެވެ.
ކުރިމިނަލް ކޯޓުގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ އެ ދައުވާތައް ކުރިމިނަލް ކޯޓުން އަނބުރާ ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ދައުވާތައް އަނބުރާ ފޮނުވާލާފައިވާ ދުވަހެއް ނޭންގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ މައްސަލަތަކާ ގުޅިގެން ފުލުހުން ތްރޫކޮށް ރެޑްނޯޓިސް ނެރެގެން ވެސް އަލީ ވަހީދު ޝަރީއަތައް ހާޒިރު ކުރެވިފައިނުވާތީ ކުރިމިނަލް ކޯޓުން ވަނީ އަލީ ވަހީދަށް ކުރި ހުރިހާ ދައުވާތަކެއް އަނބުރާ ދައުވާކުރެއްވި ފަރާތްކަމަށްވާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާލާފައި. އަލީ ވަހީދަށް ކުރި ދައުވާތައް އަނބުރާ ފޮނުވާލަން ނިންމީ އެ ދައުވާތަކުގެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލު ނުކުރެވޭތީ" އޮފިޝަލް ވިދާޅުވިއެވެ.
އަލީ ވަހީދު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނީ މިދިޔަ މާޗު މަހުގެ ތިން ވަނަ ދުވަހުއެވެ.
އަލީ ވަހިދު ރާއްޖެ ގެނައުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުނު ނަމަވެސް އޭނާ ރާއްޖެ ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި އެއީ އެކި ގައުމުތަކުގައި ރެޑް ނޯޓިސްއަށް އަމަލުކުރާ ގޮތް ތަފާތުވުމުން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ކުރިން ވިދާޅުވެފައެވެ.
ދައުވާތަކުގެ ޝަރީއަތް ނުފެށިވަނިކޮށް އަލީ ވަހީދު ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އަލީ ވަހީދާ ދެކޮޅަށް ކުރިމިނަލް ކޯޓުގައި އުފުލާފައިވާ ޖިންސީ ކުށުގެ ހަތް ދައުވާގެ ޝަރީއަތުގެ އަޑުއެހުމަކަށް ސުޕްރީމް ކޯޓަށް ހާޒިރުވާން އޭނާއަށް އަމުރުކުރުމުން، އެ އަމުރާ ހިލާފުވެ ކޯޓަށް ހާޒިރުވެފައި ނުވާތީ، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ސުޕްރީމް ކޯޓުން ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ވެސް ހުކުމްކޮށްފައެވެ.
އޭނާ ރާއްޖެއިން ފުރަން ހުއްދަ ދިނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ވުމުންނެވެ. ޖާމިނު ވުމުގެ އެއްބަސްވުމުގައި އަޑުބަރޭ އިގުރާރުވީ ހަތަރު މަސް ދުވަސް ފަހުން އަލީ ވާހިދު ރާއްޖެ ގެންނާނެ ކަމަށާއި އަދި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ބުނުމުންނެވެ. ނަމަވެސް އަލީ ވާހިދު ކޯޓަށް ހާޒިރު ކުރެވިފައިނުވާތީ އަޑުބަރޭ ވަނީ 15 ދުވަހަށް ޖަލަށްލައިފައެވެ.