ގައުމީ ސީނިއާ ޓީމު ކުޅުންތެރިންނަށް ސާފު ޗެމްޕިއަންޝިޕަށް ފަހު ދޭން ބުނި ބޯނަސް ފައިސާ އަދި ދީފައިނުވާ ކަމަށް އެފްއޭއެމުން މިއަދު ބުނެފިއެވެ.
ސާފް ޗެމްޕިއަންޝިޕަށް ފަހު ޓީމަށް ހަދިޔާކުރި ފައިސާ، ދީފައިވަނީ އަމިއްލަ ވިޔަފާރި ވެރިއެއް ކަމަށްވާ މުހައްމަދު މޫސާ، (އުއްޗު)އެވެ. އުއްޗު ފައިސާ ދީފައިވަނީ އޭނާގެ ރިސޯޓު، ކުރެއްދޫ އައިލެންޑް ރިސޯޓާ ދެކޮޅަށް ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗަކަށްފަހުއެވެ. އޭނާ ދީފައި ވަނީ ޖުމުލަ 1.2 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އުއްޗު އަމިއްލައަށް ހަދިޔާކުރީ 500،000 ރުފިޔާއެވެ.
އުއްޗުގެ އިތުރުން ދެން ފައިސާ ހަދިޔާކުރީ އެކިއެކި ސްޕޮންސަރުންނެވެ. އޭގެ ތެރޭގައި ސްޕޮންސަރުންގެ ގޮތުގައި ފައިސާ ހަވާލުކުރީ ދިރާގާއި އެސްޓީއޯގެ އިތުރުން ވިލާ ހޮޓެލްސްއެވެ. ގައުމީ ޓީމަށް އެ ހުރިހާ ފަރާތްތަކުން ދިން ފައިސާވެސް ބަހަން އެފްއޭއެމްއިން ނިންމާފައިވީ ނަމަވެސް، މިއަދާ ހަމައަށް ކުޅުންތެރިންނަށް އެ ފައިސާ ދީފައެއް ނުވެއެވެ.
ފައިސާ ކުޅުންތެރިންނަށް ނުދޭ ކަމަށް ބުނެ މީސް މީޑިއާގައިވެސް އަޑު ފެތުރުމާއެކު އެފްއޭއެމުން މިއަދު ވަނީ އެކަމަށް ޖަވާބުދާރީވެފައެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ އޭގެ ތެރެއިން ފައިސާ ލިބުނީ އެސްޓީއޯ އާއި ދިރާގުގެ އިތުރުން އުއްޗުގެ ފަރާތުން ކަމަށާއި ފައިސާ ދޭން ޖެހޭ އެއް ފަރާތެއް އަދި ފައިސާ ދީފައި ނުވާ ކަމަށެވެ.
"އެފްއޭއެމް ރައީސް ބައްސާމްގެ ނިންމެވުމެއް އެ ފައިސާ ޓީމަށް ބެހުން އެއީ. އެކަމަކު އެއް ފަރާތަކުން ނުލިބޭތީއާވެސް އެކު ފައިސާ ދިނުން ޑިލޭ ކޮށްލީ. އަނެއް ސަބަބަކީ ލަންކާގައި ކުޅުނު ފޯނޭޝަންސް ކަޕްގެ ނަތީޖާތައް ދަށްވުން. ބޯނަސް ފައިސާ ހުރީ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރެވިފައި. އެ ފައިސާ ނުގެއްލޭކަން ޔަގީންކޮށް ބުނަން. ފައިސާ އަންނަން އޮތް ފަހު ފަރާތުން ފައިސާ ނުދިނަސް އަންނަ ހަފުތާ ތެރޭގައި ފައިސާ ކުޅުންތެރިންނަށް ބަހާނެ،" ޖަވާޒު ވިދާޅުވިއެވެ.
ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖެ ގޮސްފައިނުވި ނަމަވެސް ޓީމުން ދެއްކި ހިތްވަރަށް ގިނަ ބަޔަކު ތައުރީފް ކޮށްފައިވެއެވެ. އެ މުބާރާތަށް ފަހު ރާއްޖެއިން ދިޔަ ފޯނޭޝަންސް ކަޕް ނިމިގެން ދިޔައީ މޮޅެއްވެސް ނުލިބިއެވެ. ބަންގްލަދޭޝް އާއި ސީޝެލްސް އަތުން ރާއްޖެ ބަލިވި އިރު، ލަންކާ ކައިރީވީ އެއްވަރެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް