ދ. މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 41 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން ބުނެފިއެވެ.

މީދޫ ބަނދަރު މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ދެމުން އެމްޓީސީސީން މިއަދު ބުނީ އެރަށު އެއްގަމުތޮށި ލުމުގެ މަސައްކަތާއި ރޭމްޕެއް ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.

މީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 373 މީޓަރުގެ ބޭރުތޮށިލުމާއި 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 294 މީޓަރުގެ އެއްގަމުތޮށިލުން ހިމެނެއެވެ. އަދި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 1,470 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.

ޕްލޭނިން މިނިސްޓްރީން މީދޫ ބަނދަރުގެ ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 408 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 34.07 މިލިއަން ރުފިޔާއަށެވެ.