ސަރުކާރުން އެފްއޭއެމަށް ދޭން ޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދޭނީ ސަރުކާރުން ބޭނުންވާ ގޮތަށް ޕްރޮގްރާމްތައް ހިންގާނަމަ، ކަމަށް މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވީ، ޓީމުތަކުގެ ފުޓުބޯޅަ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު އިލިޔާސް ވިދާޅުވީ، ރާއްޖޭގެ ފުޓުބޯޅަ ކުޅޭ ދާއިރާގައި ވަރަށްބޮޑެތި މައްސަލަތައް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން، ކުލަބުތަކުގެ ފުޓުބޯޅަ ކުޅުންތެރިންނަށް މުސާރަ ނުދޭއިރު، އެވާހަ ދައްކާ ފަރާތްތައް ސަސްޕެންޑް ކުރަމުންދާ ކަމަށާއި، ބޭރު ގުޅުންތެރިންނަށް މުސާރަ ނުދީގެން އެމީހުން ބަނޑޫހައިހޫނުކަމުގެ ހަޅުތާލު ކުރާ ކަމަށާއި، ރެފްރީންނަށް މުސާރަ ނުދީގެން އާބިޓްރޭޝަންތަކުން ދައުލަތުގެ މައްޗަށް ހުކުމް ކުރަމުންދާއިރު، އެކަން ހައްލު ކުރުމަށް މިނިސްޓަރުގެ ހައިސިއްޔަތުން ކުރައްވާ ކަންކަމަކީ ކޮބައިތޯ، މެންބަރު ސުވާލު ކުރެއްވިއެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ، ފުޓްބޯޅައިގެ މައްސައިގައި އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް އެކަމަށް ހައްލު ގެނައުމުގައި އެފްއޭއެމް ޖަވާބުދާރީ ކުރުވުމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެކަން ކުރެވޭނީ ކުލަބްތަކުގެ އެއްބާރުލިބިގެން ކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މަހުލޫފު ވިދާޅުވީ، އެ މައްސަލައިގައި އަންނަ ހަފުތާ ހިސާބުގައި ވަރަށް ސީރިއަސްކޮށް، އެފްއޭއެމްއާ ވާހަކަ ދައްކަވާނެ ކަމަށެވެ. ރައްޔިތުން ބޭނުންވެގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ އާލާ ކުރުމަށް ވަސީލަތްތައް ގާއިމްކުރަމުން އަންނައިރު އެކަމުން ރަނގަޅު ނަތީޖާއެއް ނުނެރެވޭތަން ފެނުމަކީ ރަނގަޅުގޮތެއް ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭން ބޭރަށްގޮސް ކުޅޭ ފުޓުބޯޅަ ޓީމުތަކަށް ނާކާމިޔާބުވާ މައްސަލަ ފާހަގަ ކުރައްވައި މިިނިސްޓަރު ވިދާޅުވީ، ރަނގަޅަށް ތައްޔާރުވެގެންނޫން ގޮތަކަށް ރާއްޖޭން ބޭރަށް ޓީމުތައް ދާން ނުޖެހޭގޮތަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރިއަށް ނުދާކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"މިފަހުން ރާއްޖޭން ބޭރަށް ޓީމުތައް ދިޔައިރުވެސް، އަޅުގަނޑަށް ވަރަށްބޮޑަށް އަމާޒުވެ ފާޑުކިއުން އައި، މިސާލަކަށް މި ފަހުންވެސް ސައުދީ އަރަބިއްޔާއިން ރާއްޖެ ކޮޅަށް ޖެހި 11 ގޯލު، އަޅުގަނޑެއް ނުފޮނުވަން އެޓީމެއް، އަޅުގަނޑު އެޓީމުގެ ޓިކެޓެއްވެސް ހަމައެއް ނުޖައްސަން، އަޅުގަނޑުމެން މިހާރު ވަރަށް ސާފުކޮށް ނިންމާފަ އޮންނާނެ، ރާއްޖޭން ބޭރަށް އެއްވެސް ކުޅިވަރަކުން ޓީމެއް ދާން ޖެހޭނީ ރަނގަޅަށް ތައްޔާރުވެސް ވެގެން، އެހެން ނޫނިއްޔާ އެހަރަދު ކުރުމުގެ ބަދަލުގަ މާ ރަނގަޅު ކޮންމެވެސް ރަށަކަށް ކަމެއް ކޮށްގެން އެ އެފައިސާ ހަރަދުކުރުންވެސް، ރާއްޖޭން ބޭރަށް ފުޓުބޯޅަ ޓީމެއް ދާއިރު ގިނަފަހަރު ހަ ލައްކަ، ހަތްލައްކަ ރުފިޔާ ޓިކެޓަށް ހަރަދުވާނެ،"

އެފްއޭއެމުން ކަންތައް ކުރަނީ ރަނގަޅަށް ނޫންކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވަނީ، މި ސަރަހައްދުގެ ގައުމުތަކުން ގަދަޔަށް މަސައްކަތްކޮށް، ފުޓުބޯޅައިގެ ކުރިއެރުން ހޯދާއިރު، ރާޖޭގެ ޓީމުތަކުގެ ފެންވަރު ދަށްކަން ފާހަގަ ކުރައްވައިފައެވެ.

"މި ސަރަހައްދުގައި އިންޑިއާ، ބަންގްލާދޭޝް، ސްރީލަންކާ ތަންތަނުން އިންތިހާއަށް ފުޓްބޯޅަ ކުރިއަރުވަން ހިފާލައިފަ ތިބީ، އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ދަނީ ފެންނަމުން، އޭގެން ކޮންމެ ގައުމަކުން އަޅުގަނޑުމެންގެ ޖޫނިއާ ޓީމުތައް ކޮޅަށް މިއަދު ހަތަރު ގޯލު، ފަސްގޯލު ޖަހަމުން އެބަދޭ، އެހެންކަމުން ބައިވަރު މަސައްކަތްތަކެއް ކުރަން އެބަހުރި، އަޅުގަނޑު ދެކޭ ގޮތުގަ ރާއްޖެއަށް އެނބުރި އާދެވޭނީ ވެސް ފަސް އަހަރު، ހަ އަހަރުފަހުން، އެއީ މިހާރު މިގާއިމް ކުރެވޭ ވަސީލަތްތަކުން، އަލުން ކުދިން އުފެދި ރަނގަޅު ޕްރޮގްރާމްތަކެއް ހެދިގެން،"

އެހެންކަމުން މިނިސްޓަރު ވިދާޅުވީ، "ސަރުކާރުން އެފްއޭއެމަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދޭނީ އަޅުގަނޑުމެންގެ ވެސް ބަސްއަހައި، އަޅުގަނޑުމެން ބޭނުންވާގޮތަށް އޭގައި ޕްރޮގްރާމްތައް ކުރިއަށްގެންދެވޭކަމަށް ވާނަމަ،" ކަމަށެވެ.