ޚަބަރު

އަޒްހާންގެ ފޯނު ވަނީ ފެނިފައި، މަރާލާފައިވާކަމުގެ ހެެއްކެއް އަދި ނުލިބޭ: ފުލުހުން

މުހައްމަދު އިޝާން

2

ހުޅުމާލޭ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދިޔަ ހ. ބޮނޑިކަޅޮދުގެ މުހައްމަދު އަޒުހާން، 27 ގެ ފޯނު ފެނިފައިވާ ކަމަށާއި ނަމަވެސް އޭނާ މަރާލާފައިވާކަމުގެ އެއްވެސް ހެއްކެއް އަދި ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 ހާއިރުން ފެށިގެން އަޒްހާން ގެއްލިގެން، އާއިލާގެ ފަރާތުން ވަނީ 19 ވަނަ ދުވަހުގެ ރޭ 7:00 ހާއިރު ފުލުހުންނަށް މައްސަލަ ހުށަހަޅައިފައެވެ. އަދި އަޒްހާން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އިއްޔެ ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ކުރިމަތީގައި އޮންނަ ހުސް ބިން ސާޗް ކުރަމުންދަނިކޮށް، ފުލުހުންނަށް ވަނީ އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަޒްހާން ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ކުރުމުން އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުގެ މަތިން މާލެއާއި ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކަށާއި އިންޓެލިޖެންސަށް ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން އިންޓެލިޖެންސް މެދުވެރިކޮށް ބެލިބެލުމުން އަޒްހާންގެ ގެންގުޅޭ ފޯނު ނަމްބަރު މިމަހުގެ 20 ވަނަ ދުވަހު ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ސެލް ޓަވަރަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދުވަހު އަޒްހާންގެ އާއިލާގެ އިޒްނައާއެކު އޭނާ ހޯދުމަށް އާންމުންގެ އެހީއަށް އެދިފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގަށް އަޒްހާނާ ބައްދަލުވި މީހުންނާ ސުވާލުކޮށް އެމީހުން ފޯރުކޮށްދިން މައުލޫމާތު، ސީސީޓީވީ ފޫޓޭޖުތަކުގެ އެހީގައި ކަށަވަރުކޮށްފައިވާ ކަމަށެވެ. އަދި އަޒްހާން މާލެއަށް ގޮސްފައިވޭތޯ ބެލުމަށް ސީސީޓީވީ ފޫޓޭޖު ބަލާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަޒްހާން ހޯދުމުގެ ތަހުގީގުގެ ތެރެއިން އޭނާ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހުޅުމާލެ ގެސްޓްހައުސްއަކަށް ގޮސްފައިވާކަން އެނގުނު ކަމަށާއި އެ ގެސްޓުހައުސް ހުންނަ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ އަވައްޓެރި ފުލުހުންގެ އެހީތެރިކަމާއެކު ތަހުގީގަށް ދިން މައުލޫމާތުގެ އެހީގައި ވޯޓާ ތީމް ފާކް ސަރަހައްދު ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިދިޔަ މަހުގެ 30 ވަނަ ދުވަހު އިތުރު ސީސީޓީވީ ފޫޓޭޖެއް ބެލުމުން އަޒްހާން ސްކޭޓް ޕާކާ ދިމާލު އަތިރިމައްޗަށް ފައިބާ މަންޒަރާއި އެއަށްފަހު ސްކޭޓް ޕާކާ ދިމާއިން ނިރޮޅުމަގަށް ނުކުންނަ މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައުލޫމާތުގެ އަލީގައި އަޒްހާން ދެން ފެންނާނެ ކަަމަށް ބެލެވުނު ތަނާ އެންމެ ކައިރީގައި ހުރި ސީސީޓީވީ ފުޓޭޖު ބެލުމުން އަޒްހާން ފެނިފައިނުވާތީ އަނެއްކާވެސް ކުރިން ބަލައިފާސްކުރި ސަރަހައްދު އަލުން ބަލައިފައިވާނެ ކަމަށެވެ. އެގޮތުން އިއްޔެ އެ ސަރަހައްދު ބަލައިފާސްކުރުމުގެ ތެރޭގައި އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލަ ހޮމިސައިޑް ކޭސްއެއްގެ ގޮތުގައި ތަހުގީގުކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ އަޒްހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނުނު ސަރަހައްދުން އޭނާގެ ފޯނު ފެނިފައިނުވާތީ ފޯނު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިރޭ ފުލުހުން ވަނީ އަޒްހާންގެ ފޯނު ފެނުނުކަން ކަށަވަރުކޮށްދީފައެވެ. އަދި ވަނީ އޭނާ މަރާލާފައިވާކަމުގެ ހެއްކެއް ނުފެންނަ ކަމަށް ވެސް ފުލުހުން މިރޭ ބުންޏެވެ.

"މުހައްމަދު އަޒްހާންގެ ފޯނު ހޯދިފައިވާ އިރު، އަޒްހާން މަރާލާފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް އަދި ލިބިފައި ނުވެއެވެ..،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އަޒްހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޔުނިޓުގެ ހެޑު ސުޕްރިންޓެންޑެންޓް ހަސަން ސައީދު ވިދާޅުވެފައިވަނީ ހަށިގަނޑު ވަޅުލުމަށް މަސައްކަތް ކޮށްފައިވާކަމުގެ ނިޝާނެއް ފެނިފައިނުވާ ކަމަށާއި އެ މަރުގެ މައްސަލައިގައި އެއްވެސް މީހަކަށް އަދި ތުހުމަތުނުކުރާ ކަމަށެވެ. އަދި ހަށިގަނޑު ކުނިވެފައިވާތީ ޕޯސްޓުމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.