ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ކިބައިން މިސާލުނަގައި ރާއްޖޭގައި މުޅިން އާ ސިނާއަތެއް އުފަންކުރުވަން މަސައްކަތް ކުރުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޒުވާނުންނަށް ގޮވާލައްވައިފިއެވެ.

ރަން ޔޫބީލް ގާލާ އިވްނިން ފާހަގަކުރުމަށް ރާއްޖޭގެ ފުރަތަމަ ރިސޯޓް، ކުރުނބާ މޯލްޑިވްސްގައި ޓޫރިޒަމްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަކީ އާ އިންޑަސްޓްރީތައް އުފެއްދިދާނެކަމުގެ ފުރިހަމަ މިސާލެއް ކަމަށެވެ.

"ދިވެހި ފަތުރުވެރިކަމުން އަޅުގަނޑުމެންނަށް ލިބިދޭ އަނެއް ފިލާވަޅަކީ، ބަޔަކު ދުވަހަކު ހިޔާލަށް ވެސް ނުގެންނަ އަދި އެއްގޮތަކަށް މި ރާއްޖޭގައި ނެތް ކަމެއް ވެސް އަޅުގަނޑުމެންގެ ތެރޭގައި ތަރައްގީކޮށް ކާމިޔާބު މަސައްކަތަކަށް ހެދިދާނެކަން. ބޭނުންވަނީ ނަސީމް (ހެލްތު މިނިސްޓަރު އަހުމަދު ނަސީމް)ގެ އެ ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުން. އެމްޔޫ މަނިކު (ޔުނިވާސަލް އެންޓްޕަރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު)ގެ ދެ ގޮތެއް ނުވާ އަޒުމާއި ސާބިތުކަން ހުރި ދިވެހި ދަރިން. ގޮންޖެހުންތަކާ ކުރިމަތިލައި ކާމިޔާބު ހޯދުމުގައި އަފީފް (ޗަމްޕާ ހުސެއިން އަފީފު) ގެ އެ ހުރި ފަންވަރާއި ބުންވަރު ހުރި ދިވެހި ޒުވާނުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމްގެ ބާނީންގެ ކިބައިގައި ހުރި ހިތްވަރާއި ކެރުން މިހާރުގެ ޒުވާނުންގެ ކިބައިގައި ހުންނަވާނެ ކަމަށާއި އާ އިޖާދީ ވިސްނުންތައް އުފަކުރުވަން ޒުވާނުން، ކަންކަމާމެދު ވިސްނަވާގޮތް ބަދަލުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ ދިވެހިރާއްޖޭގެ ޒުވާން ޖީލަށް އަޅުގަނޑު މިއަދު ބުނެލަން ބޭނުން ވަނީ ދިވެހިރާއްޖެއަށް އާ ކޮންމެވެސް ސިނާއަތެއް، އާ އުފެއްދުމެއް ނުވަތަ އާ އީޖާދެއް އުފަންކުރުމަށް މަސައްކަތް ކުރައްވާށޭ. މުޅި ގައުމަށް ބޭނުން ހިފޭ ފަދަ މުޅިން އާ ކަމަކާ މެދު ވިސްނުން ހިންގަން ފަށާށޭ. އިރާދަކުރެއްވިއްޔާ ކާމިޔާބީގެ މަގު ފެންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ފަތުރުވެރިކަން ފެއްޓެވި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ހުސެއިން އަފީފް އާއި މުހައްމަދު އުމަރު މަނިކަށް "ޕާސަނަލީ" ގޮންޖެހުން ކުރިމަތި ކުރުވި ކަމަށެވެ. އަދި ވިދާޅުވީ ފަތުރުވެރިކަމުގެ ބާނީންނަށް ކުރިމަތިވި ގޮންޖެހުމުގެ ސަބަބުން އެ މަސައްކަތް ހުއްޓާލަންޖެހޭ ހިސާބަށް ކަންތައްދިޔަ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ފަހުރުވެރި ޓޫރިޒަމް އިންޑަސްޓްރީ ބިނާކުރެއްވި ބަނީންނަށް ކުރިމަތިވި ދަތިތަކުގެ ވާހަކަތައް ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ޓޫރިޒަމްގެ ބާނީންނަށް ކުރިމަތިވި ދަތިތަކުގެ ވާހަކަ "ސާފު ތެދުބަހުން ރީތިކޮށް" ފޮތްތަކުގައި ލިޔަން ޖެހޭ ކަމަށެވެ.

"ރާއްޖޭގެ ފަތުރުވެރިކަން މިހާ ހިސާބަށް އައި އިރު ތަފާތު ދައުރުތައް ފެނިފައި އެބަހުރި. އެންމެ ފުރަތަމަ މި ސިނާއަތް ރާއްޖޭގައި އުފަން ކުރުވި ޕަޔަނިއަރުން މި މަސައްކަތް ފެއްޓެވި ގޮތް. އަދި އެކަމުގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގުތިސާދު މިއަދު އޮތް ހިސާބަށް އައީ ފަތުރުވެރިކަމުގެ ބާނީން ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.