އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއްދެއްވާނީ ސިއްހީ ދާއިރާ ކުރިއަރުވަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އެގޮތަށް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ މަރުކަޒުތަކަށް ސަރުކާރުން އައްޔަންކުރައްވާފައިވާ އިސްފަރާތްތަކާ އެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ސިއްހީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އަންނަ އަހަރު ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން މިހާރު ވެސް ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވި ނަމަވެސް ސިއްހީ ދާއިރާގައި އަދިވެސް އިތުރަށް ރަނގަޅު ކުރަން ހުރި ކަންކަން އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ސިއްހީ ދާއިރާގެ ތަރައްގީއަށް ސަރުކާރުން ކުރަން ކަނޑައަޅާފައިވާ ބައެއް ކަންކަމާއި އަދި މިހާރު އެކި މަރުހަލާތަކުގައި ހުރި އެ ދާއިރާގެ ބައެއް މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާ ކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ކުރިޔަތް އޮތް ދުވަސްތަކުގައި ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެސް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ސިއްހީ މަރުކަޒުތަކުގެ ވެރިން ވަނީ ރައީސް ސޯލިހުގެ ވެރިކަމުގައި ސިއްހީ ދާއިރާއަށް ކުރިއެރުން ލިބިފައިވާކަން ފާހަގަކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ނައިބު ރައީސް ވިދާޅުވީ އަތޮޅުތަކުގެ ސިއްހީ ހިދުމަތްތައް ރަނގަޅުކޮށް ފެންވަރު މަތިކުރުމަށް މީގެ ކުރީގެ ސަރުކާރަކުން ނުދޭހާ ސަމާލުކަން މިސަރުކާރުން ދެމުންގެންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު