ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހިޔާލު ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓާއެކު މަޝްވަރާކޮށްފިއެވެ.

އޭޖީ އޮފީހުން ސުޕްރީމް ކޯޓާއެކު ބައްދަލުވުން ބާއްވާފައިވަނީ މިރޭއެވެ. އޭޖީ އޮފީހުން ވަނީ ޖޭއެސްސީއާ ވެސް ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަންކަމުގެ މައުލޫމާތު އޭޖީ އޮފީސް، ޖޭއެސްސީ އަދި ސުޕްރީމް ކޯޓުން ވެސް ހާމައެއް ނުކުރެއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު އޭޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް މުރާޖައާކޮށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި އެކުލަވާލަންޖެހޭ ގާނޫނުތަކުގެ މަސައްކަތް އެ އޮފީހުން ފަށާފައިވާ ކަމަށެވެ.

"ޖޭއެސްސީއަކީ ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ގާނޫނުއަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި، ހިނގަމުންމިދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ވަނީ ގަސްދުކޮށްފައި،" އޭޖީ އޮފީހުން ބުންޏެވެ.

ޖޭއެސްސީގެ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ހުށަހަޅާ ބިލު އެކުލަވާލުމަށް ސުޕްރީމް ކޯޓު، ހައި ކޯޓު، ދަށު މަރުހަލާގެ ކޯޓުތައް އަދި ޖޭއެސްސީ އާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާ އެކު މި ހަފުތާގައި ބައްދަލުވުންތައް ބާއްވާނެ ކަމަށް އޭޖީ އޮފީހުން އޭރު ވަނީ ބުނެފައެވެ.

ސަރުކާރުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ހުށަހަޅަން ނިންމާފައިވަނީ ކޮން ގޮތަކަށް ކަމެއް ހާމައެއް ނުކުރެއެވެ.

ޖޭއެސްސީ އެކުލެވިގެންވާގޮތް މުރާޖައާކޮށް އިސްލާހު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.