ހުޅުމާލޭ ފޭސް ދޭކުން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު ހ. ބޮނޑިކަޅޮދުގެ މުހައްމަދު އަޒުހާންގެ ހަށިގަނޑު ފޮރުވަން މަސައްކަތްކޮށްފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އަޒްހާން ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގު އޮޕަރޭޝަނެއްގައި މިއަދު 17:45 އެހާކަންހާއިރު އޭނާގެ ހަށިގަނޑު ފުލުހުން ވަނީ ހޯދައިފައެވެ. އަޒްހާންގެ ހަށިގަނޑު ފެނިފައިވަނީ ވޯޓާތީމް ޕާކް ކުރިމައްޗަށް އޮންނަ ވަލުގެ ތެރެއިންނެވެ. އެއީ އަޒްހާން އެންމެ ފަހުން ފެނުނު ރެޑްބުލް ދަނޑު ސަރަހައްދެވެ.

އަޒުހާންގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޔުނިޓުގެ ހެޑް ސުޕްރިންޓެންޑެންޓް ހަސަން ސައީދު ވިދާޅުވީ، އަޒުހާންގެ ހަށިގަނޑު ފެނުނީ ހައި ޑީކޮމްޕޯސިޝަން (ވަރަށް ބޮޑަށް ކުނިވެފައި) ހާލަތުގައި އޮތްވައި ކަމަށެވެ.

ސައީދު ވިދާޅުވީ އޭނާގެ ހަށިގަނޑު ފޮރުވަން މަސައްކަތް ކޮށްފައިވާކަމުގެ ނިޝާނެއް ފެނިފައިނުވާ ކަމަށެވެ. އަދި މަރުގެ މައްސަލައެއްގެ ގޮތުގައި މިހާރު ތަހުގީގު ފަށާފައިވާ ކަމަށާއި މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު އަދި ނެތް ކަމަށް ސައީދު ވިދާޅުވިއެވެ.

"ނޫން އެކަހަލަ ކަމެއް (ހަށިގަނޑު ފޮރުވަން މަސައްކަތް) ކޮށްފައިވާކަމުގެ ނިޝާނެއް ފެންނާކެއް ނެތް. އެކަމަކު ހޮމިސައިޑް ކޭސްއެއް ވީމައި ބަލާނެ އިތުރަށް" ހަސަން ސައީދު ވިދާޅުވިއެވެ.

ހަސަން ސައީދު ވިދާޅުވީ، ވޯޓާތީމް ޕާކް ސަރަހައްދު ބަލައި ފާސްކުރީ ކުނި ވަސް ދުވަތީ ނޫން ކަމަށެވެ. އެ ސަރަހައްދު ބަލައި ފާސްކުރަން ނިންމީ އަޒުހާން ހޯދުމަށް ކުރި މަސައްކަތުގައި ބެލި ސީސީޓީވީ ފޫޓޭޖުތަކުން އޭނާ އެންމެ ފަހުން ފެނިފައިވާ ސަރަހައްދަށްވާތީ ކަމަށެވެ.

ހަސަން ސައީދު ވިދާޅުވީ އަޒުހާން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރިއިރު ވޯޓާ ތީމު ޕާކުގެ ބައެއް ސަރަހައްދުތައް ބަލައިފައިވާނެ ކަމަށެވެ. ނަމަވެސް އަޒްހާންގެ ހަށިގަނޑު ފެނުނުތަން މީގެ ކުރިން ބަލާފައިނުވާ ކަމަށެވެ.

ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައިވާތީ އެއްވެސް އަނިޔާއެއް ލިބިފައިވާކަން ނޭނގޭ ކަމަށެވެ. އެހެންވެ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށާއި އެކަން އާއިލާއަށްވެސް އަންގާފައިވާ ކަމަށް ހަސަން ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ އަޒްހާންގެ ފޯނު އަދި ފެނިފައިނުވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ފެނުނު ސީން ބަލައި ފާސްކުރުމަށްފަހު އިތުރު މައުލޫމާތު މާދަމާ ހިއްސާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އަޒްހާން އެންމެ ފަހުން ފެނިފައިވަނީ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށެވެ. އަޒުހާން ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 19 ދުވަހުގެ ރޭ 7:00 ހާއިރުއެވެ. އެ މައުލޫމާތު ލިބުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ.