އެފްއޭއެމް

ކުލަބުތަކުގެ ހާލަތު ގޯހުންގޯހަށް، މުސާރައިގެ މައްސަލަތައް ބޮޑުވެ ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ހަމަޔަށް!

ދިވެހި ކްލަބުތަކުގެ މުސާރަތަކުގެ މައްސަލަތައް އަނެއްކާވެސް އިތުރު ވެއްޖެއެވެ. މައްސަލައިގެ ސަމާލުކަން އެންމެ ބޮޑަށް މިއަދު ހުއްޓުނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ޑިފެންޑަރު ސާބިއާގެ މިލޯސް ކޮވަސިޗް އާއި މިޑްފީލްޑަރު ބެލަރޫސްގެ އީވާން ވެރަސް ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއްގައި ގައުމީ ދަނޑުގެ ރޮސްޓްރަމް މަތީގައި ތިބުމުންނެވެ.

އެކަމަށް ސަމާލުކަން ހުއްޓިގެން މުސާރައިގެ ވާހަކަ ވަރަށް ބޮޑުކޮށް މިއަދު ދެކެވެމުންދާ އިރު، އެހާލަތު ދިވެހި ކުޅުންތެރިންނަށްވެސް އެބައޮތެވެ. މީގެ ގިނަ ދުވަސްތަކެއް ކުރިން ފެށިގެން ދޭން ޖެހޭ މުސާރަ ނުލިބި ތިބި ގިނަ ކުޅުންތެރިންތަކެއް އެފްއޭއެމްއަށް މައްސަލަވެސް ހުށަހަޅާފައިވާ އިރު، އެ އިދާރާއިން ބުނެފައި ވަނީ ކްލަބު ލައިސަންސިން ދިނުމުގައި މުސާރައިގެ މައްސަލަތަކަށް ބެލޭނެ ކަމަށެވެ.

"މުސާރައިގެ މައްސަލަތައް އެބަހުރި. މިދިޔަ ސީޒަނުން ފެށިގެންވެސް މުސާރައިގެ މައްސަލަތައް ހުށައަޅާފައިވެސް އެބަހުރި. ދިވެހި ކުޅުންތެރިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތައް ބަލައި ކްލަބުތަކާ ވާހަކަ ދައްކައި، މުސާރަތައް ދޭން މަޝްވަރާކުރަމުން މިދަނީ. މިއަދު ހަޅުތާލު ކުރި ދެ ކުޅުންތެރިން ރަސްމީކޮށް އެފްއޭއެމްއަށް ހުށަހަޅާފައެއްވެސް ނެތް. މިހާރު އެކަމަކު އެ ކުޅުންތެރިންނާ ވާހަކަ ދައްކައި، އެ މައްސަލަ ހައްލުކުރަން ކްލަބާއެކުވެސް ކޮމިއުނިކޭޓް ކުރެވިއްޖެ. އެ ކުޅުންތެރިންނަށް ހައްލު ހޯދައިދޭން ކްލަބާއެކު ވާހަކަ ދެކެވިއްޖެ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) "ވަން" އަށް ވިދާޅުވިއެވެ.

ޖަވާ ވިދާޅުވީ މުސާރައިގެ މައްސަލަތައް އެފްއޭއެމުން ބަލާނެ ކަމަށާއި، އެ މައްސަލަތަކަށް ބަލައި ކްލަބު ލައިސަންސިން ދިނުމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި މުސާރައިގެ މައްސަލަތައް ހައްލު ނުކޮށް ކްލަބުތަކަށް ލައިސަންސް ނުދޭނެ ކަމަށްވެސް ޖަވާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް ކްލަބުތަކުގެ މުސާރައިގެ މައްސަލަތައް ބޮޑުކޮށް ފެނިފައިވާ އިރު، ގްރީން ސްޓްރީޓްސްއަށް ކުޅުނު ސްޕެއިންގެ ފޯވާޑް އެންހަލް މުނޯޒަށް މުސާރަ ނުދޭތީ ފީފާއިންވަނީ އެކްލަބާ ދެކޮޅަށް ފިޔަވަޅު އަޅައިފައެވެ. ޓްރާންސްފާ ބޭންއެއްގެ އިތުރުން މުސާރައިގެ ގޮތުގައި ބޮޑު އަދަދެއް ދޭން ފީފާއިން ގްރީނަށް އެންގުމުން ގްރީނުން ބުނެފައި ވަނީ އެ ކްލަބަށް ފައިސާގެ ހާލަތު ދަށްވެފައި ވަނީ އެފްއޭއެމްގެ ޕޭމަންޓްގައި ޑިލޭތަކެއްވެސް އުޅޭތީ ކަމަށެވެ.

"އެފްއޭއެމްގެ ޕޭމަންޓް ޑިލޭތަކެއް އެބަހުރި. އެހެންނަމަވެސް އެ ފައިސާވެސް މެނޭޖުކޮށްގެން ދެވޭނެ ގޮތެއް މި ހޯދަނީ. އެފްއޭއެމްއަށް އެބަހުރި ސްޕޮންސާޝިޕްގެ ޑިލޭތަކެއްވެސް. އަދި އެހެން ފަރާތްތަކުން އަންނަން ޖެހޭ ފައިސާވެސް އެބަހުރި. އެހެން ވިޔަސް މެނޭޖުކުރަން ގޮތްތަކެއް ހޯދައިގެން މި ހޯދަނީ،" ޖަވާ ވިދާޅުވިއެވެ.

މުސާރައިގެ ޝަކުވާ ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ ފަރާތުންވެސް ބޮޑުވެފައިވާ އިރު، މީގެ ކުރިން ނިއު ރޭޑިއަންޓާއި ވިކްޓަރީވެސް ސަސްޕެންޑް ކުރީ މުސާރައިގެ މައްސަލަތައް ބޮޑުވެގެންނެވެ. އެ ފިޔަވަޅުތަކާ ދިމާލަށް އަދި ދާތަން ނުފެނުނު ނަމަވެސް، މިހާރުވެސް ގިނަ ކްލަބުތަކެއްގެ ހާލަތު ފެންނަނީ ގޯސްކޮށެވެ.