އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، އަޑިއަށް ދިޔަ ބޯޓުން ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނު މީހާ މަރުވެއްޖެއެވެ.
އެމްއެންޑީއެފުން ރޭ ބުނީ ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ދިޔަ ބޯޓުން ގެއްލުނު މީހާ ފެނުނީ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ކޯސްޓް ގާޑުގެ "ހަކުރާ" ލޯންޗަށް އިއްޔެ ހަވީރު 5:25 ހާއިރު ކަމަށެވެ.
އެމީހާ މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ބޯޓު ބަންޑުން ޖަހާލި ހާދިސާގައި އެކަކު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޮފިސަރު ވިދާޅުވީ އެ ހޮސްޕިޓަލަށް ގެންދިޔައީ 59 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށެވެ.
އެމީހާގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގައި ކަމަށް މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފުން އިއްޔެ ބުނީ މިދިޔަ ބުދަ ދުވަހު އިންޑިއާގެ ވިޔަފާރި ބަނދަރުން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ އެ ބޯޓު އަޑިއަށް ދިޔައީ ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލު ބޭރަށް ކަމަށެވެ.
އެ ބޯޓު އަޑިޔަށް ގޮސް، ބޯޓުން ދަތުރުކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިޔަކު ކަނޑުވެފައި ވަނިކޮށް، ސަލާމަތްކުރީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުންނެވެ. އެމީހުން މިހާރު ވަނީ މާލެ ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު