އިޓަލިއަން ސެރެއާ އޭގައި ރޭ ރޯމާއިން އިންޓަ މިލާންގެ މައްޗަށް ކުރިހޯދި އިރު، އޭސީ މިލާނާއި ނަޕޯލީންވެސް މޮޅެއް ހޯދައިފިއެވެ.

އިންޓަ ދަނޑުގައި ރޯމާއިން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި ހަފުތާގައި ނަޕޯލީން ކުޅުނު މެޗުގައި ޓޮރީނޯ ކައިރިން އަމިއްލަ ދަނޑުގައި މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި އޭސީ މިލާނުން ވަނީ ރަށުން ބޭރުގައި އެމްޕޯލީ ބަލިކޮށްފައެވެ. އެމެޗުން މިލާން މޮޅުވީވެސް 3-1 ގެ ނަތީޖާއަކުންނެވެ.

މިވަގުތު ސެރެއާ އޭގެ ތާވަލުގެ އެއްވަނައިގައި ނަޕޯލީ އޮތީ 8 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އެޓްލާންޓާއަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާ އިރު، އޭސީ މިލާން މިވަގުތު ތިންވަނައިގައި އޮތީ އަށް މެޗުން 17 ޕޮއިންޓާއެކުގައެވެ. އެޓްލާންޓާއާއި އޭސީ މިލާނާ ދެމެދު އޮތީ ފައިދާ ގޯލުގެ ފަރަގެކެވެ. ހަތަރުވަނައިގައި އޮތީ ހަތް މެޗު 16 ޕޮއިންޓާއެކު އުޑިނޭސީއެވެ.

ރޯމާއިން ރޭ ހޯދި މޮޅަކީ މުހިއްމު މޮޅެކެވެ. އެ މޮޅާއެކު ރޯމާ ފަސްވަނައިގައި އޮތީ އަށް މެޗުން 16 ޕޮއިންޓާއެކުގައެވެ. އިންޓަ މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ. އެއީ އަށް މެޗުން 12 ޕޮއިންޓާ އެކުގައެވެ.

ރޭ ރޯމާއިން ކުޅުނު މެޗަށް އެޓީމުގެ ކޯޗު ޖޯސޭ މޮރީނިއޯ އިންނަން ޖެހުނީ ބެންޗުން ބޭރުގައެވެ. އެއީ އިންޓަނޭޝަނަލް ބްރޭކް ކުރިން ރޯމާއިން ކުޅުނު މެޗުގައި އޭނާއަށް ރަތް ކާޑު ދައްކާފައި އޮތުމުންނެވެ. ސަންސީރޯގައި ރޭ ކުޅުނު މެޗުގެ 30 ވަނަ މިނެޓުގައި އިންޓައިން ވަނީ ލީޑު ނަގައިފައެވެ.

އެ ގޯލަކީ ނިކޮލަ ބަރޭލާގެ ބޯޅައަކުން ފެޑެރީކޯ ޑިމާކޯ ޖެހި ގޯލެކެވެ. އެ ގޯލާއެކު އިންޓައިން ލީޑު ނެގި ނަމަވެސް އެ ލީޑު ދެމެހެއްޓުނީ އެންމެ ނުވަ މިނެޓަށެވެ. ޕައުލޯ ޑީބާލާގެ ހިތްގައިމު ވޮލީގައި ރޯމާއިން ނަތީޖާ ހަމަހަމަ ކުރިއެވެ.

ދެހާސް ސަތާރަވަނަ އަހަރުގެ ފަހުން ސަންސީރޯގައި ރޯމާއިން ހޯދި ފުރަތަމަ މޮޅު، އެ ކްލަބުން ހޯދީ އިނގިރޭސި ޑިފެންޑަރު ކްރިސް ސްމޯލިން ކޯނަރަކަށް ކުރިއަށް އަރައި ބޮލުން ޖެހި ގޯލުންނެވެ. ސްމޯލިން އެ ގޯލު ޖެހީ މެޗުގެ 75 ވަނަ މިނެޓުގައެވެ.

އިންޓައަށްވެސް ވަނީ މެޗުގައި ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެފައެވެ. އެގޮތުން ހަކާން ޗަލަނޯލޫ ޖެހި ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވެސް ވެއެވެ.

ރޭ އޭސީ މިލާނުން ކުޅުނު މެޗުގައި 90 މިނެޓު ހަމަވެ، އިތުރަށް ދިން ވަގުތުގައި ތިން ގޯލު ފެނިފައިވެއެވެ. އެއީ އޭސީ މިލާންގެ ދެ ގޯލާ އެމްޕޯލީގެ ގޯލެކެވެ. މެޗުގެ 79 ވަނަ މިނެޓުގައި އަންޓޭ ރެބިޗް ޖެހި ގޯލުން މިލާން ލީޑު ކުރަމުން ދަނިކޮށް، 92 ވަނަ މިނެޓުގައި އެމްޕޯލީގެ ނެޑިމް ބެރާމީ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

އެ ގޯލާއެކު މެޗު އެއްވަރު ވާނެ ކަމަށް ބެލެވުނު ނަމަވެސް 93 ވަނަ މިނެޓުގައި ފޯޑޭ ބާލޯ އޭސީ މިލާނަށް އަނެއްކާވެސް ލީޑު ނަގައިދިނެވެ. އޭސީން ޖެހި ފަހު ގޯލު، މެޗުގެ 97 ވަނަ މިނެޓުގައި ޖެހީ ޕޯޗުގަލްގެ ތަރި ރަފޭލް ލެއޯއެވެ.

ނަޕޯލީން ޓޮރީނޯ ކޮޅަށް ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު އަންދްރޭ-ފްރޭންކް ޒާމްބޯ އަންގުއީސާ ޖަހައިދިން އިރު، އަނެއް ގޯލު ޖެހީ ވިޗަ ވަރަޓު ހޭލިޔާއެވެ. ޓޮރީނޯގެ ގޯލު ޖެހީ އެންޓޯނިއޯ ސަނަބްރިއާއެެވެ.