ސްޕެނިޝް ލަލީގާ

ލެވަންޑޯސްކީ ނުހުއްޓުވުނު، ބާސާ ކުރިއަށް

މުޙައްމަދު ޝަމްޢޫން

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި މަލޯކާ ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ރޭ ބާސާއިން މަލޯކާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ބާސާއިން ވަނީ އަނެއްކާވެސް ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފައެވެ. ބާސާއަށް މިހާތަނަށް ލީގުގައި ކުޅުނު ހަތް މެޗުން 19 ޕޮއިންޓް ހޯދާފައިވާ އިރު، ވާދަވެރި ރެއާލް މެޑްރިޑް ދެވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލްއިން މި ހަފުތާ ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އަނެއްކާވެސް އެއްވަނައަށް ޖެހިލާނެއެވެ.

ރޭ ބާސާއިން ކުޅުނު މެޗުގައިވެސް ތަފާތު ދެއްކީ މި ސީޒަނަށް ގެންދިޔަ ޕޮލެންޑްގެ ފޯވަޑް ރޮބާޓް ލެވަންޑޯސްކީއެވެ. އޭނާ މިރޭ ޖެހީ އެންމެފަހުން ކުޅުނު ހަތް ލީގު މެޗުގައި ޖެހި ނުވަ ވަނަ ގޯލެވެ. މެޗުގެ 20 ވަނަ މިނެޓުގައި ލެވަންޑޯސްކީ ގޯލު ޖެހީ ތިރިތިރީން ގޯލުގެ ކަނަށް ފަސޭހަކޮށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

އެ ގޯލަށްފަހު މަލޯކާއަށް ނަތީޖާ ހަމަހަމަ ކުރަން ލިބުނު ފުރުސަތުގައި ޖައުމެ ކޮސްޓާ ޖެހި ބޯޅަ، ބާސާގެ ޖަރުމަނު ގޯލްކީޕަރު މާކް-އެންޑްރޭ ޓާ ސްޓާގަން ވަނީ މަތަކޮށް ބޭރުކޮށްލައިފައެވެ. އޭގެ އިތުރުން ސްޓާގަން ވަނީ އެންޓޯނިއޯ ސަންޗޭޒްއާއި ލީ ކޭންގިން ޖެހި ބޯޅަވެސް މަތަކޮށް ބާސާއަށް ލީޑު ހިފަހައްޓައިދީފައެވެ.

ލެވަންޑޯސްކީއަށް ދެވަނަ ގޯލެއް ޖަހަން ލިބުނު ފުރުސަތުގައި އޭނާ މަސައްކަތް ކުރީ މަލޯކާ ގޯލްކީޕަރު ޕްރެޑްރެގް ރަޖްކޮވިޗް ކައިރިން ޗިޕެއް ޖަހައި ގޯލަށް ބޯޅަ ވައްދާލުމަށެވެ. އެހެން ނަމަވެސް އެ ބޯޅަ ރަޖްކޮވިޗް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.

ބާސާއިން ދެން މި ހަފުތާ ތެރޭގައި ކުޅޭނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ މުހިއްމު މެޗެކެވެ. އެ މެޗުގައި ނުކުންނަން ޖެހޭނީ އިންޓަ މިލާނާ ދެކޮޅަށެވެ. އިންޓަ މިލާނާއި ބާސާއިންވެސް އޮތީ ދެމެޗު ކުޅެ އެއް މޮޅު ހޯދައިފައެވެ.