އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން ކުޅުނު މެޗުގައި ބްރައިޓަން ކައިރިން އެއްވަރުވި އިރު، ޗެލްސީން ފަހަތުން އަރައި ކްރިސްޓަލް ޕެލެސް ބަލިކޮށްފިއެވެ.

ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބްރައިޓަން ކައިރިން އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. ބްރައިޓަންއިން އާ ކޯޗު ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން މިރޭގެ މެޗަށް ނުކުތް އިރު، އެޓީމުގައި ކުރިން ހުރި ކޯޗު ގްރަހަމް ޕޮޓާ ވަނީ އާ ކްލަބު، ޗެލްސީއާ އެކު ލީގުގައި ފުރަތަމަ މޮޅު ހޯދައިފައެވެ. ޕޮޓާގެ އިރުޝާދުގެ ދަށުން ކުޅުނު ޗެލްސީން އަވޭގައި ޕެލެސް ބަލިކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުން އެއްވަރުވެ ލިވަޕޫލުން މިހާތަނަށް ސީޒަނުގައި ކުޅުނު ހަތް މެޗުން ހޯދުނީ އެންމެ ދެ މޮޅެވެ. ހަތަރު މެޗުން އެއްވަރުވެފައިވާ އިރު، އަނެއް ދެ މެޗުން އެޓީމު ވަނީ ބަލިވެފައެވެ. ހަތް މެޗުން ލިވަޕޫލަށް 10 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. މިރޭގެ މެޗުން ޕޮއިންޓެއް ހޯދައި ބްރައިޓަން ވަނީ ހަތަރު ވަނައިގައި މަގާމު ދަމަހައްޓައިފައެވެ. ބްރައިޓަންއަށް ހަތް މެޗުން ލިބިފައި ވަނީ 14 ޕޮއިންޓެވެ.

މެޗު ފެށިގެން ފުރަތަމަ 20 މިނެޓް ތެރޭގައި ބްރައިޓަން ވަނީ ދެ ގޯލު ޖަހައިފައެވެ. އެ ދެ ގޯލުވެސް ޖަހައިދިނީ ލިއޭންޑްރޯ ޓްރޮސާޑެވެ. ފުރަތަމަ ގޯލު ޑެނީ ވެލްބެކްގެ ޕާހެއްގައި ފަސޭހަކަމާ އެކު އެލެކްސެންޑްރާ އާނޯލްޑް ބީޓްކޮށް، ޓްރޮސާޑް ބޯޅަ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. އަދި އޭގެ 13 މިނެޓް ފަހުން ދެވަނަ ގޯލު ޖެހީ ސޮލީ މާޗު ދިން ބޯޅައިގައެވެ.

ލިވަޕޫލުން ފަހަތުން އަރައި ނަތީޖާ ބަދަލުކުރަން ކުރި މަސައްކަތުގައި ހާފު ނިމުމުގެ ކުރިން ރޮބާޓޯ ފިރްމީނޯ ވަނީ ގޯލެއް ޖަހައިފައެވެ. އަދި އޭނާ ދެވަނަ ހާފުގެ ކުރީކޮޅުގައި އިތުރު ގޯލެއްގައި ނަތީޖާ ހަމަހަމަ ކުރިއެވެ. ދެވަނަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ލުއިސް ޑިއާޒެވެ.

އެ ދެގޯލާއެކު ނަތީޖާ އެއްވަރުވެ ލިވަޕޫލުން އިތުރަށް މަސައްކަތް ކޮށް، ވެބްސްޓާ އަތުން ބައިކޮޅަށް ވަން ގޯލަކާ އެކު މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. މެޗުގެ 63 ވަނަ މިނެޓުގައި ލިވަޕޫލް ފުރަތަމަ ފަހަރަށް ލީޑު ނެގި ނަމަވެސް، 83 ވަނަ މިނެޓުގައި ޓްރޮސާޑް ވަނީ ހެޓްރިކް ފުރިހަމަކޮށް، ލިވަޕޫލް މާޔޫސް ކޮށްލައިފައެވެ.

ޕޮޓާގެ އިރުޝާދުގެ ދަށުން ކުޅުނު ޗެލްސީ ކޮޅަށް މެޗުގެ ހަތްވަނަ މިނެޓުގައި ޕެލެސްއިން ގޯލު ޖެހިއެވެ. އެ ގޯލު ޖެހީ އޮޑްސޯނޭ އެޑުއާޑެވެ. އެ ގޯލާކު ލީޑުކޮށް ޕެލެސްއިން ޗެލްސީގެ ފަހަތަށް ނުރައްކާ ކުރަމުން ދިޔަ އިރު، މެޗުގެ 33 ވަނަ މިނެޓުގައި ޑްރާމާތަކެއްވެސް ފެނިގެން ދިޔައެވެ. ކައުންޓާއެއް ހުއްޓުވަން ތިއާގޯ ސިލްވާ ގަސްދުގައި ބޯޅައިގައި އަތުން ޖައްސައި، ޕެލެސް ގޯލުޖަހަން ދިޔަ ފުރުސަތަކަށް ހުރަސް އެޅުމުން ރެފްރީ ދެއްކީ ރީނދޫ ކާޑެކެވެ. ސިލްވާއަށް ރަތް ކާޑެއް ނުދެއްކުމުން ޕެލެސް ވަނީ އެކަމާ ވަރަށް ބޮޑަށް ޝަކުވާކޮށްފައެވެ.

ޗެލްސީން ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކުރީ ޕިއޭ އެމްރިކް އަބަމަޔާން، ކްލަބަށް ޖަހައިދިން ފުރަތަމަ ގޯލުންނެވެ. އެ ގޯލަށް އެސިސްޓް ކޮށްދިނީ ސިލްވާއެވެ.

ދެވަނަ ހާފުގައި ގޯލަކަށް ބުރަކޮށް މަސައްކަތް ކޮށް، ދެވަނަ ގޯލެއް ޖެހީ މެޗުގެ 90 މިނެޓުގައެވެ. އެ ގޯލަކީ ބަދަލަކަށް ނުކުތް ކްރިސްޓިއަން ޕުލިސިޗްގެ ބޯޅައަކުން ބަދަލަކަށް ނުކުތް ކޯނޯ ގެލެގާ ޖެހި ގޯލެކެވެ. ގެލެގާ، އެ ގޯލު ޖެހީ އޭރިއާ ބޭރުން ދުރުން ބާރަށް ޖެހި ބޯޅައެއް ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ.

މެޗުން މޮޅުވެ ޗެލްސީ ވަނީ ފަސްވަނައަށް ޖެހިލައިފައެވެ. އެޓީމުން ވަނީ ހަތް މެޗުން 13 ޕޮއިންޓް ހޯދައިފައެވެ. ޕެލެސް އޮތީ ލީގު ތާވަލުގެ 17 ވަނައިގައެވެ.