މިއަދު ކުރިއަށް ދިޔަ ށ. މާއުނގޫދޫ ކައުންސިލުގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝިމާނާ ކާމިޔާބުކުރައްވައިފިއެވެ.

މިއަދު ބޭއްވި ބައި އިލެކްޝަނުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޝިމާނާއަށް ޖުމުލަ 359 ވޯޓު ވަނީ ލިބިފައެވެ. އޭނާއާ ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އިބްރާހީމް ވަހީދަށް ލިބުނީ 281 ވޯޓެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 80 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލައިފައެވެ.

މާއުނގޫދޫ ކައުންސިލުގެ ގޮނޑިއެއް ހުސްވީ އެ ކައުންސިލުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އެމްޑީޕީގެ މުސްތަފާ އަބްދުލްގައްޔޫމް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

މިއަދުގެ ބައި އިލެކްޝަނުގެ ނަތީޖާއާ އެކު މާއުނގޫދޫ ކައުންސިލުގެ މެޖޯރިޓީ އަކީ އަންހެން މެމްބަރުންނެވެ. ޝިމާނާއާ އެކު މިހާރު އެރަށުގެ ކައުންސިލުގައި ތިއްބަވަނީ އެމްޑީޕީގެ ތިން މެމްބަރަކާއި ޕީޕީއެމްގެ ދެ މެމްބަރެކެވެ.

މީގެ އިތުރުން މިއަދު ވަނީ ތިން ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީގެ ބައި އިލެކްޝަން ވެސް ބާއްވައިފައެވެ. އޭގެ ތެރެއިން ދެ ރަށެއްގެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރި އިރު، އަނެއް ގޮނޑި ކާމިޔާބުކުރީ އެމްޑީޕީންނެވެ.

އެގޮތުން މިއަދު ކުރިއަށްދިޔަ ލ. ދަނބިދޫ ބައި އިލެކްޝަންގެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީ ކެންޑިޑޭޓް އައިޝަތު ޒިޔާދާއެވެ. އަދި ރ. ރަސްމާދޫގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް ސާބިރާ މުހައްމަދު ކާމިޔާބުކުރެއްވި އިރު، ތ. ގުރައިދޫގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވީ ޕީޕީއެމް ކެންޑިޑޭޓް ޝަރުމާއެވެ.