އޭސީސީގެ އިންޓެލިޖެންސް ޔުނިޓުގެ ހެޑެއްގެ ގޮތުގައި މަސައްކަތް ކުރަމުންދަނިކޮށް، އެ ޔުނިޓުގެ ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށްބުނެ، ހއ. ތުރާކުނު ވައިލެޓްމާގެ އިބްރާހިމް އަލީއާ މެދު އޭސީސީން އަޅާފައިވާ ފިޔަވަޅަކީ ބާތިލު ފިޔަވަޅެއް ކަމަށް ކަނޑައަޅައި އެ ފިޔަވަޅާ ގުޅޭ އެންމެހާ ލިޔުންތައް އިބްރާހިމް އަލީގެ ރެކޯޑުން އުނި ކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި އަމުރު ތަންފީޒު ނުކުރުމަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.

މިއީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގައި 16 ނޮވެމްބަރު 2016 އިން ފެށިގެން އިބްރާހިމް އަލީ، ވަޒީފާ އަދާކުރަމުން ދަނިކޮށް، ފޭސްބުކް ޕޭޖެއް ކަމަށްވާ އޮއްވަޅު ކިޔާ ޕޭޖެއްގައި ލީކު ކޮށްލި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ވިޔަފާރީގެ ގުޅުން ދައްކުވައިދޭ ޗާޓަކީ، އިބްރާހިމް އަލީ ތައްޔަރު ކުރަމުންދިޔަ ޗާޓެއް ކަމަށް އޭސީސީއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިބްރާހިމަށް ފިޔަވަޅު އެޅުމުން އުފެދުނު މައްސަލައެކެވެ.

އެކަމުގައި އިބްރާހިިމް އަލީ އަމަލު ކޮށްފައި ވަނީ އޭސީސީގެ އިންޓެލިޖެންސް ޔުނިޓުގެ ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމާއި، އޭސީސީގެ ގަވާއިދާ ހިލާފަށް އަދި އޭނާ އަމަލު ކުރަންޖެހޭ ބެސްޓް ޕްރެކްޓިސްއާ ހިލާފަށް ކަމަށް ތަހުގީގަށް ސާބިތުވާކަމަށް އެ މައްސަލައިގެ ތަހުގީގައި އޭސީސީން ކަނޑައެޅިއެވެ.

އެހެންކަމުން އޭނާއާމެދު އަޅާ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ފަހެއް ޖުލައި 2020 އިން ފެށިގެން އިބްރާހިިމް އަލީގެ ވަޒީފާ، އިންޓެލިޖެންސް ޔުނިޓުން އިންވެސްޓިގޭޝަން ޔުނިޓަށް ބަދަލުކޮށް އިންޓެލް ޔުނިޓުގެ މުވައްޒިފެއްގެ ހައިސިއްޔަތުންނާއި، އިންޓެލް ޔުނިޓުގެ ހެޑެއްގެ ހައިސިއްޔަތުން އޭނާއަށް ދީފައިވާ އެކްސެސްތައް ކަނޑާލުމަށް އޭސީސީން ނިންމިއެވެ.

އެކަމާ ގުޅިގެން، އިބްރާހިމް އަލީގެ ފަރާތުން އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.

އޭނާގެ ފަރާތުން ޓްރައިބިއުނަލްގައި އެދިފައި ވަނީ، އޭސީސީން އަޅަން ނިންމި ފިޔަވަޅަކީ ވަޒީފާއާބެހޭ ގާނޫނާއި، އޭސީސީގެ މުވައްޒަފުންގެ ގަވާއިދާ ހިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ މައްސަލައިގައި އޭނާ އަމަލު ކޮށްފައި ވަނީ އޭސީސީގެ އިންޓެލް ޔުނިޓުން އަމަލު ކުރަންޖެހޭ އުސޫލުތަކާ ހިލާފަށް ކަމަށް އޭސީސީން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފައިވެއެވެ.

މި މައްސަލަ ބެލުމަށްފަހު، މިދިޔަ ޖޫންމަހުގެ 30 ގައި ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، އޭސީސީން އިބްރާހިމް އަލީއަށް އަޅާފައިވާ އިސްލާހީ ފިޔަވަޅަކީ، އެކަށީގެންވާ ހަމަޔަކުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ބުރަ ނުވެވޭކަމަށެެވެ.

އެ ފިޔަވަޅަކީ ވަޒީފާއާބެހޭ ގާނޫނާއި، އޭސީސީގެ ގަވާއިދާ ހިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ކަނޑައަޅައި، އޭނާ ވަޒާފާ އަދާކުރަމުންދިޔަ ޔުނިޓް ބަދަލުކޮށް އޭސީސީން އަޅާފައިވާ ފިޔަވަޅަކީ ބާތިލު ފިޔަވަޅެއް ކަމަށް ކަނޑައަޅައި، އެ ފިޔަވަޅާ ގުޅޭ އެންމެހާ ލިޔުންތައް އިބްރާހިމް އަލީގެ ރެކޯޑުން އުނި ކުރުމަށްފަހު، ހަތް ދުވަހުގެ ތެރޭގައި އެކަން ފުރިހަމަޔަށް ތަންފީޒުކޮށް ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެންގުމަށް އޭސީސީއަށް އަމުރުކުރާ ކަމަށްވެސް ޓްރައިބިއުނަލުން ބުނެފައިވެއެވެ.

ނަމަވެސް ޓްރައިބިއުނަލްގެ އެ ނިންމުން އޭސީސީން ހައިކޯޓަށް ހުށަހެޅިއެވެ. އަދި ޓްރައިބިއުނަލްގެ އެ އަމުރު ތަންފީޒު ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ހައިކޯޓުގައި އެދުނެވެ.

އޭސީސީން ނެރެދިނުމަށް އެދުނު އަމުރާ ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހު، ހައިކޯޓުން ނެރުނު އަމުރުގައި ވަނީ، މި މައްސަލައަށް ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ނުވަތަ އެނޫން ގޮތަކަށް އެ ކޯޓުން އަންގަންދެން، އެ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި އަމުރު ތަންފީޒު ނުކުރުމަށް އަމުރުކުރާ ކަމަށެވެ.