ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ބިނާކޮށްފައިވާ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސްޕެޓް ރާއްޖެއިން އަބަދުވެސް ދަމަހައްޓަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކޮރްސްރޯޑުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ޓޫރިޒަމް ތައާރަފުވެގެން އައި ގޮތް ހުއްޓާލައިގެން ނުވާނެ ކަމަށެވެ.

ޓޫރިޒަމް މަސައްކަތް ފެށިއިރު ރާއްޖޭގައި އެކަމަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މީހުންނާއި ވަސީލަތް ނެތް ކަމަށެވެ، އަދި އެފަދަ ހާލަތެއްގައި ފަށައިގަތް ޓޫރިޒަމް، މިއަދު ދުނިޔޭގެ އެއްވަނަ ޓޫރިޒަމް ޑެސްޓިޝޭޝަންގެ ގޮތުގައި ވެފައި މިވަނީ ދިވެހިން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެކަން ހާސިލުވީ ޓޫރިޒަމްގެ ބާނީންގެ ނުގުޑާ އަޒުމާއި ހިތްވަރުންގެ ސަބަބުންނެވެ. އަދި މިރޭ ފާހަގަކުރަނީ އެ ބޭފުޅުން ކުރެއްވި މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ އެއްވަނަ ޑެސްޓިނޭޝަނަށް ޝަރަފުވެރި މަގާމު ލިބުމުން، އެ މަގާމު އަލުން ދަމަހައްޓަން ކުރަން ޖެހިފައިވާ މަސައްކަތް ބުރަވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިމަގާމު ދެމެހެއްޓުމަށްޓަކާ ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް، ދުނިޔޭގެ ވާދަވެރިކަން އެބަހުރި ޓޫރިޒަމް. މިފަދަ އެތައް މަންޒިލްތަކެއް އެބަ ތަރައްގީކުރަމުންދޭ ރާއްޖެ ނަމޫނާއަކަށް ބަލައިގެން. އަޅުގަނޑުމެން ޓޫރިޒަމްގެ މިމަގާމު ދެމެހެއްޓުމަށްޓަކާ އެންމެ މުހިންމުކަމެއްގެ ގޮތުގައި ކުރަން ޖެހެކަމަކީ މެހުމާންދާރީ އަދާކުރުން." ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގުދުރަތީ ރީތިކަން ހިމާޔަތްކުރަންޖެހޭ. ގޮނޑުދޮށާއި މޫދާ ފަރުތައް ދެމެހެއްޓެނެވި ގޮތަކަށް ހިމާޔަތްކުރެވެން ޖެހޭ. ހަމައެއާއެކު ރާއްޖޭގެ ބްރޭންޑެއްގެ ގޮތުގައި ބެލިވިފައިވާ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓަކީ އަޅުގަނޑުމެންނަށް ދޫކޮށްލެވޭނެ ބްރޭންޑެއް ނޫން. އެއީ ދިވެހިރާއްޖެ، އެއީ ދިވެހިރާއްޖޭގެ ޓޫރިޒަމަކީ އެހެންކަމުން އެއީ އަޅުގަނޑުމެން ހަނދާނުގައި ބަހައްޓައިގެން އެއާދޭތެރޭ ވިސްނަން އެބަޖެހޭ" ރައީސް ވިދާޅުވިއެވެ.

ގައުމުތަކާ ވާދަކުރާއިރު، ޓޫރިޒަމް އިންޑަސްޓްރީއަށް ފަސޭހައިން މީހުން ލިބޭނެ ދޮރު ހުޅުވިފައި ހުންނަޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ހަމައެކަނި ރާއްޖެއިން ޓޫރިޒަމަށް އިންޑަސްޓްރީއަށް ބޭނުންވާ މީހުން ހޯދުމަށް އަމާޒުހިފުމުގެ ބަދަލުގައި ދުނިޔޭގެ ކޮންމެ ތަނަކުވެސް ކޮލިފައިޑް މީހުން ހޯދޭނެ އިންތިޒާމު ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސާފައި ހުންނަންވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭ، ފަހުރުވެރި ޓޫރިޒަމްގެ މަންޒިލަކަށް ހެދީ ދިވެހިން ކަމަށެވެ. މިއީ ދުނިޔޭގެ ފެންވަރުގެ ކަމެއް ކަމަށާއި އެހެންކަމުން ބޭރުގެ ފަރާތްތަކާ ވާދަކޮށް ދިވެހިންނަށް ޓޫރިޒަމް ދާއިރާގެ މަތީ ވަޒީފާތައް ހޯދެންވާނެ ކަމަށެވެ.