މިސްރުގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޔޫސުފް އަލް ގަރްޟަވީގެ މައްޗަށް މުޅި ރާއްޖޭގައި ޣައިބަށް ކަށު ނަމާދުކުރަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއާލެއްގައި ބުނީ، ގަރްޟަވީއަކީ މި ޒަމާނުގެ އިސްލާމީ ޝަރީއާގެ ފުންނާބު އުސް އިލްމުވެރިޔެއް ކަމަށެވެ. އަދި ގަރްޟަވީއަކީ އިސްލާމީ ފިކުރު ފެތުރުމާއި އިޖުތިހާދު ކުރުމުގެ އިސް މޭސްތިރިޔެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން މާދަމާ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ހުކުރު ނަމާދަށްފަހު ގަރްޟަވީގެ މައްޗަށް ޣައިބަށް ކަށު ނަމާދުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ގަރްޟަވީ އަވަހާރަވީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އަވަހާރިވިއިރު އުމުރުފުޅަކީ 96 އަހަރެވެ.
މިސްރުގެ ވެރިކަން ކުރެއްވި މުހައްމަދު މޮރޮސީގެ ވެރިކަން 2013 ގައި ވައްޓާލިފަހުން ގަރްޟަވީ ވަނީ ދިރިއުޅުން ގަތަރަށް ބަދަލުކުރައްވައިފައެވެ. ގަރްޟަވީއަކީ މުރުސީގެ ވެރިކަން ވައްޓާލި މުސްލިމް ބްރަދަހޫޑުގެ ވަރަށް އިސް މެމްބަރެކެވެ.
ގަރްޟަވީ އަވަހާރަވީ ގަތަރުގައި ހުންނަވަނިކޮށެވެ. އެމަނިކުފާނަކީ 1968 ވަނަ އަހަރުގެ ފެށިގެން ގަތަރުގެ ރަށްވެހިކަން އޮންނަ ބޭފުޅެކެވެ. ގަތަރުގައި ހޭދަކުރެއްވި ދުވަސްވަރު ގަރްޟަވީ ވަނީ ގަތަރު ޔުނިވާސިޓީގެ މަތީ މަގާމުތައް އަދާކުރައްވައިފައެވެ.
ގަރްޟަވީ އަވަހާރިވި އިރު އެ މަނިކުފާނު ވަނީ 120 ފޮތް ލިޔުއްވައިފައެވެ. އެ ފޮތްތަކުގެ ތެރެއިން "އަލް ހަލާލް، ވަލް ހަރާމް ފިލް އިސްލާމް" ފޮތަށް ވަނީ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބިގެން ގޮސްފައެވެ. އަދި "ފިގްހު އަލް ޒަކާތު" ފޮތަށް ވެސް ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނެވެ.
ގަތަރުގެ އަލްޖަޒީރާ ޓީވީ ޗެނަލުން ގެނެސްދިން "އައް ޝަރިއްޔާ ވަލް ހަޔާތު" ޕްރޮގްރާމްގައި ވެސް ގަރްޟަވީ ބައިވެރިވެވަޑައިގެންނެވިއެވެ. 40 މިލިއަން މީހުން ބެލި އެ ޕްރޮގްރާމް ވެގެންދިޔައީ ގަރްޟަވީގެ މަގުބޫލުކަން އިތުރުވި މައިގަނޑު ސަބަބަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު