ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދ. ކުޑަހުވަދުއަށް ވަޑައިގެންފިއެވެ.

ޔާމީން ކުޑަހުވަދުއަށް ވަޑައިގަތުމުން ވަރަށް ގިނަ ބަޔަކު ވަނީ އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓް ސަރަހައްދަށް ޖަމާވެފައެވެ. ޔާމީން ވަނީ ސަޕޯޓަރުންނާ ވަކިވަކީން ސަލާމް ކުރައްވައި ފޮޓޯ ނަންގަވައިފައެވެ.

މިއީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓާ އެމަނިކުފާނާ ހަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ޕީޕީއެމުން ޔާމީނަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި "ހަވާލޭވަތަން" ޖަލްސާގައެވެ.

ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު "ވަން" އަށް މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައިވަނީ ޔާމީންގެ ކުޑަހުވަދޫ ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ހަރަކާތްތައް ކުޑަހުވަދޫގައި އިތުރު ކުރުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހީނާ ވިދާޅުވެފައިވަނީ ޕީޕީއެމް މެމްބަރުން އިތުރުކުރުމުގެ ހަރަކާތެއްގައި ވެސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި މި ރޭ އޮންނަ ޖަލްސާއެއްގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ވަނީ ބައެއް ރަށްރަށަށް ވަޑައިގެންފައެވެ. އެގޮތުން ރައީސް ޔާމީން ވަނީ ފ. ނިލަންދުއަށާއި ކ. ގުރައިދޫ އާއި އެއަތޮޅު ތުލުސްދުއަށް ވަޑައިގެފައެވެ. އެ ދަތުރުފުޅުތަކަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތްތައް ފުޅާކުރަން ކުރެއްވި ދަތުރުފުޅުތަކެކެވެ.

މީގެ އިތުރުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އެމަނިކުފާނު ވަނީ އެ ދާއިރާގެ ރަށްތަކަށް ވަޑައިގަންނަވައިފައެވެ. އެންމެ ފަހުން ޔާމީން ވަޑައިގެންނެވީ ރ. ދުވާފަރަށެވެ. އެ ދަތުރުފުޅަކީވެސް "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތްތައް ފުޅާކުރަން ކުރެއްވި ދަތުރުފުޅުތަކެކެވެ.