ގިނަ އަދަދެއްގެ ދިވެހިންނާ އެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އިއުތިރާފުވެ، ހުކުމް ކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރްގެ މައްޗަށް ދައުލަތުން އުފުލާފައިވާ 40 ދައުވާ އޭނާގެ މައްޗަށް ސާބިތުވެ، ދެ އަހަރާއި ނުވަ މަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އަލަމްގީރްގެ މައްޗަށް ދައުލަތުންވަނީ އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާ ކޮށްފައެވެ. އެ ދައުވާތަކަށް އިބުތިދާއީ މަރުހަލާގައި އޭނާ ވަނީ އިއުތިރާފުވެފައެވެ.

އެހެންވެ، އިއްޔެ ވަނީ އެ މައްސަލައިގެ އަވަސް ނިޔާގެ އަޑުއެހުން ކުރިމިނަލް ކޯޓުގައި ކުރިއަށްގެންގޮސްފައެވެ.

ކުރިމިނަލް ކޯޓުގެ ތަރުޖަމާނު މުހައްމަދު އަމާން "ވަން" އަށް ވިދާޅުވި ގޮތުގައި އަވަސް ނިޔާގެ އަޑުއެހުމުގައިވެސް އަލަމްގީރް، ދައުވާތަކަށް އިއުތިރާފުވުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އަލަމްގީރްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅުއްވައިފައެވެ.

ކޮންމެ ދައުވާއަކަށް ވަކިވަކިން ހުކުމްކޮށްފައިވާ އިރު، ކޮންމެ ދައުވާއަކަށް އޭނާގެ މައްޗަށް އިއްވާފައިވަނީ 27 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންވެ، 27 ދުވަހުގެ މަގުން 40 ދައުވާއަށް އައިސްފައިވަނީ 1،080 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ ދެ އަހަރާއި ނުވަ މަހެވެ.

ކޮންމެ ދައުވާއެއްގެ ތަފުސީލު ކުރިމިނަލް ކޯޓްގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ އިރު، މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ކަމަށްބުނެ އެ މައްސަލަތަކުގެ ހުކުމްތައް އެއްކޮށް ހިމަނާފައެއް ނުވެއެވެ.

އަލަމްގީރްގެ މައްޗަށް ކޮށްފައިވާ 40 ދައުވާގެ ތެރެއިން ކޮންމެ ދައުވާއެއްގެ އަސާސީ އަދަބަކީ، އެއްމަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. ނަމަވެސް 27 ދުވަހުގެ ޖަލު ހުކުމަކަށް ކުޑަވީ އޭނާ ކުށަށް އިއުތުރާފުވުމުންނެވެ.

އަލަމްގީރްގެ މައްޗަށް އޮރިޔާން ކާޑު ހެދުމުގެ ދައުވާތައް ސާބިތުވެ، ހުކުމްކޮށްފައިވާއިރު، މީގެ ކުރިން އޭނާގެ މައްޗަށް ކުރި އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއަކާ ގުޅިގެން ކޮށްފައިވާ ޖަލު ހުކުމެއް އޭނާ އަންނަނީ ތަންފީޒު ކުރަމުންނެވެ.

އެ މައްސަލަތަކުގައި ހުސްވި އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ. އެއީ އެ މައްސަލައަށް އޭނާ އިއުތިރާފުވެފައި ވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން ލުއިދިނުމަށްފަހުގައެވެ.