ޚަބަރު

އެމްއެމްސީގެ ކުރީގެ މެމްބަރު އާޒިމް ގަވާއިދާ ހިލާފަށް ލިވިން އެލަވަންސެއް ނުނަގާ: ސުޕްރީމް ކޯޓް

މުހައްމަދު އިޝާން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ މެމްބަރު މއ. ކެކުރި، މާލެ، މުހައްމަދު އާޒިމް އަބްދުއްހާދީ ގަވާއިދާ ހިލާފަށް ލިވިން އެލެވަންސް ނަގާފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

މީޑިއާ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުރެ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އާޒިމް ލިވިން އެލެވަންސްގެ ގޮތުގައި 67،500 ރުފިޔާ ނަގާފައިވާ ކަމަށް ބުނެ އެ ފައިސާ އަނބުރާ ހޯދަން އެދި ދައުލަތުން ވަނީ މާލިއްޔަތު ގަވާއިދުގެ ދަށުން ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

އާޒިމް ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ. އޭނާ ދިފާއުގައި ވިދާޅުވެފައި ވަނީ ލިވިން އެލަވަންސް ފައިސާއަކީ ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ދިނުމަށް ފާސްކޮށްފައިވާ ފައިސާއެއްކަން 2011 ވަނަ އަހަރު މަޖިލީހުން ފާސްކޮށްފައިވާ މީޑިއާ ކައުންސިލުގެ ބަޖެޓުން އެނގޭނެ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވެފައިވަނީ 2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރި އިރު، މީޑިއާ ކައުންސިލްގެ ބަޖެޓްގައި "މުވައްޒަފުންނާއި، މުވައްޒަފުންގެ އަނބިދަރިންގެ ލިވިން އެލަވަންސް އާއި ފެމިލީ އެލަވަންސް"ގެ ގޮތުގައި ފައިސާ ހިމެނިފައިވީ ނަމަވެސް، އެއީ ރައްޔިތުންގެ މަޖިލިހުން މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ދިނުމަށް ފާސްކޮށްފައިވާ ފައިސާއެއް ނޫން ކަމަށެވެ. ނަމަވެސް މީޑިއާ ކައުންސިލްގެ މެމްބަރުން އިއްތިފާގުން މުސާރައިގައި ލިވިން އެލަވަންސް ހިމަނައި 7،500 ރުފިޔާ މެމްބަރުންގެ އެކައުންޓަށް ޖަމާކުރަމުން ދިޔަ ކަމަށެވެ. އެގޮތުގެ މަތިން އާޒިމް އެކައުންޓަށް 67،500 ރުފިޔާ ޖަމާވިކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.

އެމައްސަލައިގައި ސިވިލް ކޯޓުން އާޒިމްގެ މައްޗަށް ހުކުމްކުރީ ހަ މަސް ދުވަހުގެ ތެރޭގައި އެފައިސާ ފިނޭންސް މިނިސްޓްރީއަށް ދެއްކުމަށެވެ. އެ ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކުރިއެވެ. ނަމަވެސް އެ ހުކުމް ގާނޫނާހިލާފުކަމެއް ބުނެ އާޒިމްގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ އާންމު އިދާރީ ހިންގުމުގެ ތެރެއިން ބަޖެޓްގައި ހިމެނިފައިވާ ފައިސާއެއް ހަރަދު ކުރުމާ މެދު މެމްބަރުން ގޮތެއް ނިންމުމަކީ ގާނޫނު މަނާކުރާ ކަމެއް ނޫން ކަމަށެވެ. ވަކިކަމެއް ކުރުމަށް ބަޖެޓްގައި ފައިސާ ކަނޑާއަޅާފައިވިޔަސް އެކަމަކީ އާންމުކޮށް ހިނގާ ކަމަކަށް ނުވާނަމަ، އެ ކަމެއް ފެށުމުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ލިޔެގެން ހުއްދަ ހޯދުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުން ލާޒިމު ކުރާއިރު، އެ ހުއްދަ ހޯދުމުގެ ޒިންމާ މަތި ކޮށްފައިވަނީ ޒިންމާދާރު ވެރިޔާ ނުވަތަ މާލީ ޒިންމާދާރު ވެރިޔާއާ ކަމަށް ހުކުމުގައި ބުންޏެވެ.

ހުކުމުގައި ބުނީ، މަޖިލީހުން ދިނުމަށް ނިންމާފައި ނުވާ އެލަވަންސެއް ހިމަނައިގެން ބަޖެޓް ތައްޔާރު ކުރެވިގެން ނުވާނެ ކަމަށާއި ލިވިން އެލަވަންސަކީ ރައްޔިތުންގެ މަޖިލިހުން މީޑިއާ ކައުންސިލުގެ މެމްބަރުންނަށް ދިނުމަށް ކަނޑައަޅާފައިވާ އެލަވަންސެއް ކަމުގައި ބަލާނެ ޖާގައެއް ނެތް ކަމަށެވެ. އަދި ފާސްކޮށްފައިވާ ބަޖެޓަކުން ހަރަދު ކުރުމުގެ ހުއްދަ ލިބޭނެ ކަމުގައި ބެލި ނަމަވެސް، އެ ހާލަތުގައި އެލަވަންސް ދިނުމާ މެދު ރައްޔިތުންގެ މަޖިލީހުގެ އިތުރު ނިންމުމެއް އޮންނަން ޖެހޭނެ ކަމަށެވެ.

އެހެންވެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުނަގައި ލިވިން އެލެވަންސް އާޒިމް ނަގާފައިވާ ކަމަށް ހައި ކޯޓުން ހުކުމްކުރީ ގޯސްކޮށް ކަމަށާއި ނަމަވެސް ލިވިން އެލެވަންސްގެ ގޮތުގައި އާޒިމްގެ އެކައުންޓަށް ޖަމާވި ފައިސާ ފިނޭންސް މިނިސްޓްރީއަށް ދައްކަން ހުކުމްކުރީ ރަނގަޅަށް ކަމަށެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސެއިންއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ.