ރޭ ބްރެޒިލުން ޓިއުނީޝިއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު ބްރެޒިލުން ކާމިޔާބުކުރީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ރަނގަޅު ފޯމެއްގައި ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ ބްރެޒިލަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ނޭމާއާއި، ރިޗާލްސަންގެ އިތުރުން ރަފީނިއާ އަދި ޕެޑްރީއެވެ. މެޗުގައި ރަފީނިއާ ވަނީ ދެ ގޯލު ޖަހައިފައެވެ.

ޓިއުނީޝިއާގެ ގޯލު ޖަހައިދިނީ މޮންތަސަރު ތަލްބީއެވެ. މެޗުގައި ޖެހި ގޯލުތަކާއި، ނަތީޖާއަށްވުރެ ބޮޑަށް ފޯކަސް އަމާޒުވީ ހިނގާައި ދިޔަ ޑްރާމާތަކަށެވެ. ނަސްލީ ގޮތުން ދިމާކުރުމުގެ އިތުރުން ލޭޒަރ އެޅުވުން ކަހަލަ ކަންކަން މެޗުގައި ފެނިގެން ގޮސްފައިވެއެވެ. ނޭމާ ޕެނަލްޓީ ޖެހި ގަޑީގައި ލޮލަށް ލޭޒާ އެޅުވުމުގެ އިތުރުން ރިޗާލްސަން ގޯލު ޖަހައިފައި އުފާފާޅުކުރަން ދިޔުމުން ޓިއުނީޝިއާ ސަޕޯޓަރުން ވަނީ ދޮންކެޔޮ އުކައިފައެވެ. އެއީ ނަސްލީ ގޮތުން ދިމާކުރުމަށެވެ.

"ހައްލުކުރަން ހަމައެކަނި ވާހަކަ ދައްކާހާ ހިނދެއްގައި ނަސްލީ ތަފާތުކުރުން ހުރިހާތާކުވެސް ކުރިއަށްދާނެ. ކޮންމެފަހަރަކު، އަބަދު ވާހަކަތައް ދައްކަ ދައްކާފަ ފިޔަވަޅެއް އަޅަން ނުކެރެންޏާ ނަސްލީ ގޮތުން ދިމާކުރާނެ،" ރޭގެ މެޗަށްފަހު ރިޗާލްސަން ޓްވީޓް ކޮށްފައިވެއެވެ.

ރޭގެ މެޗަށްފަހު ބްރެޒިލްގެ ފުޓުބޯޅަ އިދާރާއިންވެސް ވަނީ ވަރުގަދަ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ "ޓީމުގައި ތިބި ކަޅު ނަސްލުގެ ކުޅުންތެރިންނާ ނުލައި ބްރެޒިލުގައި ތަރިން ނުތިބޭނެ ކަމަށެވެ." އަދި އޭގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ރޭގެ މެޗުގައި ހިނގައި ދިޔަ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، ދަނޑުމަތިންނާއި ދަނޑު ބޭރުންވެސް ހިންގާ ނަސްލީ ތަފާތުކުރުންތައް ނައްތާލަން ޖެހޭ ކަމަށެވެ.