ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޒޯން އެކެއްގައި މިހާތަނަށް ބައިލައްކަ އަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް އިފުތިތާހުކުރުމަށް ހއ. ދިއްދޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅާލައި، ލާމެހިފައިވާ ތަނަކަށް ރާއްޖެ ހެދުމަށް "ނިޔަތް ގަނެ" ވަރަށް ބޮޑަށް ތައްޔާރުވި ކަމަށެވެ. އެގޮތުން ރަށްތައް ގުޅާލުމުގެ ރޫޓްތަކާއި ހިނގާނެ ހަރަދާއި ބޭނުންވާނެ އުޅަނދުތަކުގެ އަދަދުތައް ހިމަނައި، ޕްލޭނެއް އެކުލަވާލި ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ރާއްޖެ އޮންނަންވާ ގޮތުގެ ތަސައްވުރެއްވެސް އަޅުގަނޑުމެން ގެނައިން. ރާއްޖެ ތިން ރީޖަނަކަށް ބަހާލައި، ކޮންމެ ރީޖަނެއްގެ ދެ ޒޯނާއެކީގައި ހަ ޒޯން މުޅި ރާއްޖެ އޮވެފައި، ކައިރި ކައިރީގައި ހުރި ރަށްތަކަކީ ކްލަސްޓާތަކެއްގެ ގޮތުގައި 20 ކްލަސްޓާއަށް ރާއްޖެ ބަހާލައި، އެ ތަސައްވުރު ގެނައި. އެ ތަސައްވުރާ އެކީގައި އަޅުގަނޑުމެން ގަބޫލުކުރީ އެއަށް ގެންނަން ޖެހޭ މައިބަދައަކީ ދަތުރުފަތުރުކަން. އެކަން އަޅުގަނޑުމެން އަޒުމާއެކު ފެށިން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ހައިސްޕީޑް ފެރީގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އަބަދުވެސް މީހުން ބުނަމުންދިޔަ ކަމަށާއި އެކަމަކީ ހަރަދު ބޮޑު ކަމެއް ކަމަށެވެ.

"އަބަދުވެސް މީހުން ބުނަމުން ގެންދޭ، ތިއީ ކުރެވޭ ވަރުގެ ކަމެއް ނޫނޭ، މާ ހަރަދު ބޮޑު ކަމެކޭ، މީހުން ދަތުރަކަށް ނާރާނޭ، އެހެން ނަމަވެސް އަޅުގަނޑުމެންނަށް ޔަގީންކަން އޮތޭ މީހުން ދަތުރަށް އަރާނެކަންވެސް،" އަސްލަމް ވިދާޅުވިއެވެ.

އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން ހއ، ހދ އަދި ށ އަތޮޅަށް ވަނީ އެ ހިދުމަތް ފޯރުކޮށްދޭން ފަށައިފައެވެ.

އަސްލަމް ވިދާޅުވީ މިއަދު ސަރުކާރުން ހައިސްޕީޑް ފެރީގެ ނިޒާމު ފަށާފައިވާ ކަމަށާއި އެތައް ރައްޔިތުންތަކެއް އެ ނިޒާމު ބޭނުންކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޒޯން އެކެއްގައި ހިމެނޭ 41 ރަށުން މިހާތަނަށް 56،238 މީހުން އާރުޓީއެލް ފެރީގައި ދަތުރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޓިކެޓު ގަނެގެން، މަދުތޯ، މީހުން ދަތުރުނުކުރޭތޯ، އެބަ ކުރޭ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ދިނުމަށް ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށާއި އެކަމަކީ ސަރުކާރުން ބޮޑު ހަރަދެއް ނުކޮށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ވަޒަން ކުރާނީ ދަތުރުކުރާ ފަރާތްތަކުން ގަންނަ ޓިކެޓުން ލިބޭ ރުފިޔާއަށް ނޫން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"މީގެން މުޖުތަމައަށް އަންނަ ބަދަލު، މުޖުތަމައަށް ވާ ފަސޭހަ، މުޖުތަމައަށް އަޅުގަނޑުމެންނަށް ކުރާ އަސަރު، ސޯޝިއޯ-އިކޮނޮމީ އިމްޕެކްޓް، އެއީ އަޅުގަނޑުމެން މީގެ ހިސާބު ޖަހަން ޖެހޭ ގޮތަކީ،" އަސްލަމް ވިދާޅުވިއެވެ.

ޕައިލެޓް މަޝްރޫއެއްގެ ގޮތަށް އެންމެ ފުރަތަމަ އެ ހިދުމަތް ފަށާފައިވަނީ މިދިޔަ މެއި މަހުގައި ހދ. އަތޮޅުގައެވެ. އެއަށްފަހު މިދިޔަ ޖުލައި މަސްތެރޭގައި ހއ. އަތޮޅުގައި ވެސް އެ ހިދުމަތް ފަށާފައިވާ އިރު، މިދިޔަ މަހު ވަނީ ށ. އަތޮޅުގައި ހިދުމަތް ފަށައިފައެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އިތުރުން ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުން އަންނަނީ ވެސް އެމްޓީސީސީންނެވެ. ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޒޯން 2 (ނ، ރ، ބ އަދި ޅ) އާއި ޒޯން 3 (ކ، އއ، އދ އަދި ވ) އާއި ޒޯން 4 ( މ، ފ، ދ، ތ އަދި ލ) އާއި ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ) ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.