ޗެލްސީ

ޗެލްސީގެ ލެޖެންޑް އޮބި މިކޭލް ރިޓަޔާކޮށްފި

ޗެލްސީއަށް ގިނަ މެޗުތަކެއް ކުޅުނު، ނައިޖީރިއާގެ މިޑްފީލްޑަރު ޖޯން އޮބި މިކޭލް ފުޓުބޯޅައިން ރިޓަޔާކޮށްފިއެވެ.

ޗެލްސީއަށް 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގު ހޯދައިދިނުމަށް މުހިއްމު ރޯލެއް އަދާކުރި މިކޭލް ރިޓަޔާމަންޓް އިއުލާންކުރީ އެންމެފަހުން ކުވައިތު އެސްސީއަށް ކުޅުމަށްފަހުގައެވެ. ނޯވޭގެ ލީން އިން 2006 ވަނަ އަހަރު ޗެލްސީއާ ގުޅުނު މިކޭލް ވަނީ އެ ކްލަބަށް 372 މެޗު ކުޅެދީފައެވެ.

ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މިކޭލް 2017 ވަނަ އަހަރު ޗެލްސީ ދޫކޮށް ދިޔައީ ޗައިނާ ލީގަށެވެ. އޭނާ ޗެލްސީ ދޫކޮށްލައިފައި ވަނީ އެ ކްލަބަށް 10 އަހަރަށްވުރެ ގިނަ ދުވަހު ކުޅެފައެވެ. އެ މުއްދަތުގައި ޗެމްޕިއަންސް ލީގުގެ އިތުރުން ޗެލްސީއާއެކު ދެފަހަރަށް ޕްރިމިއާ ލީގުގެވެސް އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.

އޭގެ ފަހުން ސްޓޯކް ސިޓީއާއި މިޑްލްސްބްރާއަށް ޗެމްޕިއަންޝިޕްގައިވެސް ކުޅުނު މިކޭލް ރިޓަޔާމަންޓް އިއުލާން ކުރަމުން ބުނެފައި ވަނީ ހުރިހާ ރަނގަޅު ކަމަކަށްވެސް ނިމުން އަންނަ ފަދައިން، އޭނާގެ ފުޓުބޯޅަ ކެރިއަރަށްވެސް ނިމުން އައިސްފައިވާ ކަމަށެވެ. މިކޭލް އިތުރަށް ބުނީ މިދިޔަ 20 ވަރަކަށް އަހަރުގެ ފުޓުބޯޅަ ކެރިއަރަށް ބަލާއިރު، އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި، އެކެރިއަރުން އޭނާ ހަރުދަނާ މީހަކަށް ވެގެން ދިޔަކަމަށެވެ.

މިކޭލްގެ ވަދާއީ މެސެޖުގައި އާއިލާއާއި ކްލަބުތަކުގައި ކޯޗުކަން ކޮށްދިން ކޯޗުންގެ އިތުރުން އެކުގައި ކުޅުނު ކުޅުންތެރިންނަށާއި، އިހުލާސްތެރި ސަޕޯޓަރުންނަށް ވަނީ ބޮޑު ޝުކުރެއް އަދާކޮށްފައެވެ. މުސްތަގުބަލުގައި މިކޭލް ފެންނާނެ ވަކި ދާއިރާއެއް އޭނާ އަދި އިއުލާން ކޮށްފައި ނުވި ނަމަވެސް، އޭނާ ބުނެފައި ވަނީ ކެރިއަރު ނިންމާލީ އިތުރު ކަމަކަށް ވަގުތު ހުސް ކުރުމަށް ކަމަށާއި، އެކަމަށް މުސްތަގުބަލުގައި ވަގުތު ދޭނެ ކަމަށެވެ.

މިކޭލް ވަނީ ނައިޖީރިއާގެ ގައުމީ ޓީމަށް 91 މެޗު ކުޅެދީފައެވެ.