ފެނަކަ ކުންފުނީގެ ޗެއާމަން މުހައްމަދު ރަޝީދާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ފުރިހަމައަށް އިތުބާރުކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އެގޮތަށް ވިދާޅުވެފައި މިވަނީ ފެނަކަ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ވަހީދު (އިބުރޭ) މަގާމުން އިސްތިއުފާދެއްވަމުން ފެނަކައިގެ ޗެއާމަނަށާއީ އެމްޑީއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެއްވުމާ ގުޅިގެންނެވެ.
އެގޮތުން އިބުރޭ ވިދާޅުވެފައިވަނީ، ފެނަކައިގެ ދަރަނި 1.2 ބިލިއަނަށް އެރީ އެ ދެބޭފެޅުންގެ ނާގާބިލުކަމުގެ ސަބަބުން ކަމަށާއި އަދި ފެނަކައިން ބައެއް އަމިއްލަ ކުންފުނިތަކަށް ފައިސާ ދޭން ޖެހޭއިރު އެ ފައިސާ ދީފައިނުވާ ކަމަށެވެ. ނަމަވެސް ޗެއާމަން އާއި އެމްޑީގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ފައިސާ ދޫކުރަމުންދާ ކަމަށެވެ.
އެ ތުހުމަތުތައް ސައީދު ވަނީ ދޮގުކުރައްވައިފައެވެ. އަދި ވިދާޅުވެފައިވަނީ އިބުރޭ އެގޮތަށް ތުހުމަތުތަކެއް ކުރައްވަނީ އޭނާ ކުންފުނީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަން ފެށުމުން ކަމަށެވެ.
ހއ. އުތީމުގެ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވުމަށް އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިއަދު ރައީސް ވިދާޅުވީ، ފެނަކައިގެ ޗެއާމަނަށާއި އެމްޑީއަށް ފުރިހަމައަށް އިތުބާރުކުރައްވާ ކަމަށެވެ. އަދި ރައްޔިތުން އެތަކެއް ޒަމާނުއްސުރެ އެދެމުންދާ ތަރައްގީގެ މަޝްރޫއުތައް ފެނަކައިން އިހުލާސްތެރިކަމާ އެކު ކޮށްދެމުންގެންދާ ކަމަށެވެ.
"ރައްޔިތުންގެ ފުރިހަމަ އިތުބާރު ފެނަކައިގެ އެމްޑީއަށާއި ޗެއާމަން އަދި މުވައްޒަފުންނަށް އެބައޮތް. އަދި ސަރުކާރާއި އަޅުގަނޑުގެ ވެސް ފުރިހަމަ އިތުބާރާއި ޔަގީންކަން ފެނަކައާ ދޭތެރޭގައި، އަދި އެމްޑީ ސައީދަށާއި އަޅުގަނޑުމެންގެ ވަރަށް ގާތް ރައްޓެއްސެއް، މާޑު. ޝައްކެއް ނެތް އެބޭފުޅުންނާ ދޭތެރޭގައި،" ރައީސް ވިދާޅުވިއެވެ.
ފެނަކައިން އުތީމުގެ އިންޖީނުގެ އެޅުމަށް ކުރި މަސައްކަތަށް ތައުރީފުކުރައްވައި ރައީސް ވިދާޅުވީ، ފެނަކައިން އަބަދުވެސް މަސައްކަތް ކުރަނީ ސަރުކާރާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ކަމަށެވެ. އެނޫން ގޮތަކަށް ފެނަކައިން އަމަލު ނުކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
އުތީމުގައި އަލަށް އިމާރަތްކުރި އިންޖީނުގޭގެ މަސައްކަތް ފެނަކައިން ނާސާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 7،030،106.48 ރުފިޔާ އަށެވެ.
މީހުން ދިރިއުޅޭ ހިސާބާ ދުރުގައި އަލަށް އިމާރަތްކުރި އުތީމު އިންޖީނު ގޭގައި 600 ކިލޯވޮޓްގެ ހަތަރު ޖެންސެޓް ބަހައްޓާނެއެވެ.