ބޮޑު ތިލަދުންމައްޗަށް ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ހަނިމަދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއާ އެކު ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެ ސަރަހައްދުގައި 8،000 އެނދު ތަރައްގީކުރުމަކީ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އުތީމުގެ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވޭނީ އަތޮޅުތަކުގެ ރަށްތައް ތަރައްގީ ކޮށްގެން ކަމަށެވެ.
އެގޮތުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ނިޒާމުން ބޮޑު ތިލަދުންމަތީގެ 41 ރަށް ގުޅާލާފައިވާ ކަމަށާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއާ އެކު އެ ސަރަހައްދަށް ޓޫރިޒަމް ފުޅާވުމުގެ ޖާގަ ތަނަވަސްވެ، އިގުތިސާދީ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް މިއޮތް 4-5 އަހަރުގެ ތެރޭގައި އެންމެ މަދުވެގެން މިތަނަށް 8،000 އެނދު ޑިވެލޮޕްކުރުމުގެ ޕްލޭނެއް ރާވައިގެން ކުރިއަށް ގެންދިއުން. އަޅުގަނޑު ހިތުން މި ސަރަހައްދުގައި ޓޫރިޒަމް ޑިވެލޮޕް ކުރާނެ އިންވެސްޓަރުން ދެން ފަހަތަކަށް ނުޖެހޭނެ" ރައީސް ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށާއި އަންނަ އަހަރު އެއާޕޯޓް މަސައްކަތް ނިންމައި ހިދުމަތްދޭން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް ހަދާނެއެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރާނެއެވެ
ޖުމުލަ 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަކޮށްގެން ކުރިއަށްގެންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ-320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެއެވެ.
މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓްކުރުމުގެ ގާބިލުކަންވެސް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.